ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީންތަކެއް ކުރިއަށް ގެންދަނީ

އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ޚާއްސަ ތަމްރީންތަކެއް ކުރިއަށްގެންދިއުމަށް ނިއްމައިފިއެވެ.

މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު 21 ވަނަ ދުވަހުގެ 18:00ން ފެށިގެން 23 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައެވެ. އެގޮތުން މި ތަމްރީނުތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

އަދި މި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ގައުމީ ދިފާއީ ބާރާއި ފުލުހުންނާއި ގުޅިގެން ތަމްރީންތަކެއް ކުރިއަށް މީގެ ކުރިންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެ ތަމްރީނު ޕޮރްގްރާމު ކުރިއަށް ގެންދިޔައީ ރާއްޖޭގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ހަމަލާއެއް ދީފާނެކަމުގެ ބިރު އެބައޮތް ކަމަށް ބޭރުގެ އިންޓެލިޖެންސް ރިޕޯޓަކުން ހާމަކޮށްފައިވަނިކޮށް. އަދި އެ ހަރަކާތްތައް ހިންގާފައިވަނީ، ދާދިފަހުން ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަންވެސް ވަރުގަދަކޮށް، ގައުމުގެ ސަލާމަތައް ނުރައްކާވެދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އެމްއެންޑީއެފް އިން ކުރިން ވަނީ ވިދާޅުވެފައެވެ.

އަވަށްޓެރި ސްރީލަންކާއަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން ރާއްޖެއަށް އެކަމުގެ އެއްވެސް ނުރައްކަލެއް ނެތްކަމަށްވެސް އެމްއެންޑީީއެފް އިން ކުރިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ކުއްލި ހާލަތަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންނާއި ސިފައިން އަންނަނީ ތަފާތު އެކި ތަމްރީނުތައް ހަދަމުންކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...