ހިއުމަން ޓްރެފިކިން އަށް ތުހުމަތު ކުރެވޭ 24 މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ގިނަ މަޝްރޫޢުތަކަކަށް ބިދޭސީން ގެނައުމުގައި ސައްހަ ނޫން ލިޔެކިއުންތަކެއް ހުށަހަޅާފައިވުމާއި އަދި އެ މައްސަލަތަކުގައި އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން އެފަދަ 24 މައްސަލައެއް ތަހުގީގު ކުރުމަށް އިމިގްރޭޝަނުގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ފުލުހުންނަށް ފޮނުވާފައިވަނީ އިމިގްރޭޝަނުން ދިރާސާ ކުރަމުންދިޔަ 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ދިރާސާކޮށް، އެ މައްސަލަތައް ތަހުގީގު ކުރުމަށް ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރަން ފުލުހުންނަށް ފޮނުވީ މައްސަލަތަކާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ލިބެން ހުރި، ތަހުގީގަށް ބޭނުންވާނެ ހުރިހާ މައުލޫމާތަކާއި އެކު ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން 24 ކުންފުނީގެ އިސްވެރީންނާއި، ތުހުމަތުކުރެވޭ ކަންކަމުގައި ޝާމިލް ވެފައިވާކަމަށް ބެލެވޭ އެންމެހާ ފަރުދުންގެ މައުލޫމާތު ވެސް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެ މައްސަލަތަކުގެ ތަހުގީގު ނިމެންދެން، މި 24 ކުންފުނީގެ ހިއްސާދާރުންނާއި، އެ މައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ހިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ ފަރާތްތަކުގެ އިތުރުން ބިދޭސީންނާއި ގުޅުންހުރި އެފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި އިމިގްރޭޝަނުން ދިރާސާ ކުރަމުންދާ އެންމެހާ ކުންފުނިތަކާއި ފަރުދުންގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީ އަށް ހިއްސާ ކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...