ބޮބީގެ މަރުގެ މައްސަލަ: ދެމީހަކަށް މަރުގެ ހުކުމް އިއްވައިފި

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވާ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ތިން މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާކުރިއެވެ.

އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުގެ މައްޗަށެވެ. އޭގެ ތެރެއިން މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ހަފުތާގައި ކޯޓުން އޮތީ ހުކުމްކޮށްފައެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މުހީތު މަރުވެފައިވަނީ މައިމޫނާއި މުހުޖަތާއި އިތުރު ބަޔަކު ބައިވެރިވެގެން ދިން ހަމަލާތަކުގެ ސަބަބުން ކަމަށެވެ.

ހަމަލާދިން މީހުންނާ އެކު ސައިކަލުތަކުގައި އެތަނަށް ދިޔަަ މީހުންގެ ތެރޭގައި މައިމޫން ހިމެނޭ ކަމަށާއި އަދި މުހީތަށް ހަމަލާދިން މީހުންގެ ތެރޭގައި މުހުޖަތު ހިމެނޭ ކަމަށް ހެކިންގެ ބަހުންނާއި، ގުޅިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށް އެ ހުކުމުގައިވެއެވެ.

މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ވެސް ދައުވާކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު މަރަން ޖުވެނައިލް ކޯޓުން ކުރިން ހުކުމް ކޮށްފައިވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފައެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.

ބޮބީގެ މަރުގެ މައްސަލާގައި ކުށް ސާބިތުވާ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، މީގެ ކުރިންވެސް މަރުގެ މައްސަލަތަކުގައި ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ ހުކުމް އިއްވާފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް މަރުގެ ހުުކުމް ތަންފީޒް ކޮށްފައިނުވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި އެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ނުބެކެވޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެއީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަކީ އަބަދުވެސް މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ވަކާލާތު ކުރާ ޕާޓީއަކަށް ވުމުން ކަމަށް ގިނަ ރައްޔިތުން ބުނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކުރުމާއެކު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވުރު ހަޑިވާނެ ކަމެއް ކަމަށްވެސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...