ރާއްޖެ އިޝްތިހާރު ކުރާނެ ކޮތަޅު ހެދުމުގެ މުބާރާތެއް ބާއްވަނީ

އެމްއެމްޕީއާރްސީއިން ރާއްޖެ އިޝްތިހާރު ކުރުމަށް 2020 ވަނަ އަހަރު ހިންގަން ރާވާފައިވާ ހަރަކާތްތަކުގައި ބޭނުންކުރާ ކޮތަޅުތައް ފަރުމާކުރާނެ ފަރާތެއް ހޯދަން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި ކޮތަޅުތަކުގެ އެންމެ ރަނގަޅު ޑިޒައިނެއް ހޮވައި އެއް ވަނައަށް ހޮވޭ ޑިޒައިން ތީމެއްގެ ގޮތުގައި ބަލައިގަނެ، ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. އަދި އިނާމަކަށް ފަންސަވީސްހާސް ރުފިޔާ ދޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ ކޮތަޅުގައި ހިމަނާ މަންޒަރަކީ ރާއްޖެ ބްރޭންޑެއްގެ ގޮތުގައި އިޝްތިހާރުކޮށް ވިޒިޓް މޯލްޑިވްސް ގެ ނަމާއި ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ މައިގަނޑު ޝިއާރު ދަ ސަނީ ސައިޑް އޮފް ލައިފް ރަމްޒުކޮށްދޭ ކޮތަޅަކަށް ވާންޖެހޭނެ ކަމަށެވެ. މުބާރާތެއްގެ ގޮތުގައި އެކަން ކުރަން ނިންމީ ފަންނުވެރިންގެ އަގު ވަޒަންކުރުމާއި އެފަދަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް އެމްއެމްޕީއާރްސީއިން މައުލޫމާތުދެއެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެ ކޮތަޅަކީ ރާއްޖެ ތަމްސީލު ކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ ފެއާތަކާއި ރޯޑް ޝޯ ފަދަ ހަރަކާތްތަކުގައި މެހެމާނުންނަށް ދޭ އެއްޗެއް ކަމަށާއި އެގޮތަށް ބޭނުންކުރާ ކޮތަޅުތައް އެ މީހުންގެ މެދުގައި މަގްބޫލު ހަދިޔާއަކަށްވާ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...