ޕީޕީއެމް ބަލިކަށި ކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރި- މުއިއްޒު

ޕީޕީއެމް ބަލިކަށި ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށް އެޕާޓީގެ ނައިބު ރައީސް ޑރ.މުޙައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފިއެވެ.

ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ކުރީގެ ހައުސިން މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަހުގެ ތެރޭގައި ޕީޕީއެމް ޕެރެލައިޒް ކޮށްލުމަށް ސަރުކާރުން އެތައް ކަމެއް ކުރި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ނުހައްގުން ޖަލަށް ލުމަކީވެސް އެގޮތުން ކުރި ކަމެއްގެ ގޮތުގައި މުއިއްޒު ވަނީ ސިފަ ކުރައްވާފައެވެ.

"އެނގިވަޑައިގަންނަވާނެ މިއަހަރު ފެށިގެން ފުރަތަމަ ތިންމަހެއް ފެށިގެން ދިޔައިރު ގަސްތުގައި ރާވައިގެން ޕީޕީއެމް ޕެރެލައިޒްކޮށްލުމަށްޓަކައި ކަންތައްތަކެއް ވަނީ ކުރެވިފައި. މިދެންނެވީ ރައީސް ޔާމީން (އެންމެ ފުރަތަމަ ކަމަކަށް) ނުހައްގުން ވަރަށް އަނިޔާވެރިކޮށް ބަންދު ކުރެވިފައި އެތައް ދުވަހަކު ޖަލުގައި ބަހައްޓާފައިވަނީ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޕީޕީއެމް ހިންގުމަށްޓަކައި އެޕާޓީގެ ރައީސް ޔާމީން އަދި ކައުންސިލްގެ ލަފަޔާއި އެކީގައި މަސައްކަތްތަކެއް ކުރަންފަށާފައިވާއިރު، އެޕާޓީއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން ކަމަށެވެ. އެގޮތުން ދައުލަތުން ދޭން ޖެހޭ ފައިސާ ހޯދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނުކަން މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް ރާވާފައި ހުރި ކަންތައްތަކުގެ ތެރޭގައި ރަށްތަކުގައި ހުންނަ އެޕާޓީގެ ގޮފިތައް ހަރުދަނާ ކުރުން ހިމެނޭ ކަމަށެވެ. އެގޮތުން އަލަށް ގޮފިތައް އިންތިހާބު ކުރަންޖެހޭ ރަށްތަކުގައި އެކަންކަން ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...