ރައީސް ޔާމީންއަށާއި ޕީޕީއެމްއަށް ތާއީދުކުރާ ކަމަށް ބުނެ އެމްޕީއެލުން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއަށާ ޕީޕީއެމްގެ ފިކުރަށް ތާއީދު ކުރާ ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ.

ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ވަޒީފާއިން ވަކިކުރި މީހަކު ބުނީ ވަޒިފާގެ ބިރުވެރިކަން އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ބުނެ އައި ސަރުކާރަކުން މިއަދު މި ފެންނަނީ އަނިޔާވެރިވަމުންދާ މަންޒަރު ކަމަށެވެ. އަދި ސިޔާސީ ބޭނުންތަކަށް ވަޒީފާތަކުން މީހުން ވަކި ނުކުރާނެ ކަމަށް މި ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު އިންތިޚާބުގެ ދުވަސްވަރު ވެސް ވިދާޅުވެފައިވާ ކަމަށް އެ މީހާގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި ގެއްލުނު ހައްގު ހޯދަން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްއަށް ދާނެ ކަމަށާ ވަޒީފާއިން ވަކިކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.

އަދި އިތުރަށް އެމީހާ ބުނީ ބޯޑުން އެގޮތަށް އެކަން ނިންމީ އިސްތިއުފާ ދޭން އެންގުމުން އިސްތިއުފާ ނުދިނުމުން ކަމަށާ ވަޒީފާގައި ހުރެ ކުށެއް ނުކޮށް އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އެކަމުގައި އަމަލުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ގޮތަކަށް ކަމަށް އެމީހާ ވަނީ ފާހަގަކޮށްފައެވެ. ޗެނަލް 13 އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލުން ވަނީ 7 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައެވެ. މި ހަތް ބޭފުޅުންނަކީ އެމްޕީއެލްގެ ބޯޑުގައި ހިމެނޭ ހަތް މުވައްޒަފުންނެވެ.

މީގެ އިތުރުން ރައީސް ޔާމީންއަށާ ޕީޕީއެމްއަށް ތާއީދުކުރާ ކަމަށް ބުނެ ބައެއް މުވައްޒަފުންގެ ވަޒީފާގެ ފެންވަރު ވެސް ވަނީ ދަށްކުރެވިފައެވެ. އެގޮތުން 5 ބޭފުޅަކުވަނީ މަޤާމުގެ ގޮތުން ދަށް ކުރެވިފައެވެ. މިކަމާ ގުޅިގެން އެމްޕީއެލްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން އެމްޕީއެލުން ވަކިކޮށްފައިވާއިރު، މި ސަރުކާރަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމަށާއި ވަކި ކުލަޔަކަށް ވަކި ފިކުރަކަށް ބެލުމެއް ނެތި ވަޒީފާގެ ފުރުޞަތު ހަމަހަމަކޮށް ފޯރުކޮށްދެއްވާނެ ސަރުކާރެއް ކަމަށް ރައީސް ޞޯލިހު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރާ އިދިކޮޅު ފިކުރުގެ މުވައްޒަފުން ވަޒީފާތަކުން ވަކިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...