ރައީސް ޔާމީން ތަރައްޤީކޮށްދެއްވި ފަސް އެއާޕޯޓެއްގެ އުދުހުންތައް ފެށެނީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށި އެއާޕޯޓު މަޝްރޫއުތަކުގެ ތެރެއިން ފަސް އެއާޕޯޓެއްގެ މަސައްކަތް ނިމި މިއަހަރުގެ ތެރޭގައި އުދުހުންތައް ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހިންގާ އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ، މިހާރު ތަރައްގީ ކުރަމުންދާ އެއާޕޯޓުތަކުގެ ތެރެއިން މިއަހަރު ފަސް އެއާޕޯޓެއް ހުޅުވައި ދަތުރު ފަށާނެ ކަމަށެވެ. އެގޮތުން މިއަހަރު އަލަށް ޝެޑިއުލް ދަތުރުތައް ފަށާނީ ށ. ފުނަދޫ އެއާޕޯޓަށާއި، ހދ. ކުޅުދުއްފުށި އެއާޕޯޓުގެ އިތުރުން ޅ.މަޑިވަރުގައި ތަރައްގީކުރާ އެއާޕޯޓަށާއި ނ. މާފަރު އަދި ގދ މާވާރުލު އެއާޕޯޓަށް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

މި އެއާޕޯޓުތަކުގެ ތެރެއިން ށ. ފުނަދޫ އެއާޕޯޓުގައި މިހާރު ކުރަމުންދަނީ ޓާމިނަލް އާއި އެއާޕޯޓަށް ބޭނުންވާ އިތުރު އިމާރާތްތަކުގެ މަސައްކަތް ކަމަށާ އެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށާއި، އޮގަސްޓު މަހުގެ ތެރޭގައި ފުނަދޫ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް މަސައްކަތް މިހާރު ކުރަމުންދާ ކަމަށާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓެސްޓް ފްލައިޓު ޖައްސާފައިވާ އެ އެއާޕޯޓަށް މިއަހަރުގެ ޖުލައި މަހު ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިއަހަރު ދަތުރުތައް ފަށަން ނިންމާފައިވާ ގދ. މާވާރުލު އެއާޕޯޓުގެ ރަންވޭގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެއާޕޯޓަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް ނިންމާ މިއަހަރު ދަތުރުތައް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު މަސައްކަތްފެށި އެ އެއާޕޯޓުގައި މިހާރު ކުރަމުންދަނީ ރަންވޭގެ މަސައްކަތެވެ. މީގެ އިތުރުން ހއ ހޯރަފުއްޓާއި ގދ ފަރެސްމާތޮޑާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށާއި ފަރެސްމާތޮޑާ އެއާޕޯޓުގެ ބިން ހިއްކުން މިއަހަރު ފަހުކޮޅު ނިމޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ދިވެހިންނަށް ހުރި ދަތިތައް ބައްލަވާ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކަށް ރައްޔިތުންނަށް ހައްލެއް ގެނެސްދެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯރޓުތައް ތަރައްޤީ ކުރައްވަން ފެއްޓެވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އަޖައިބު 19 މެއި 2019 - 22:31

    އަމިއްލަފުޅު ފައިސާ އިން ދެއްތޯ؟ތަރަށްޤީކުރެއްވީ ކޮމެންޓް ޖަހަން ނުކެރެންޏާ ޚިޔާލޭ ކޮމެންޓޭ ނުކިޔަންވީ އެވެ

ގުޅުން ހުރި
Loading...