ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމް ކުންފުނީގެ ލިސްޓަށް އުރީދޫ

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓަށް، ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދޭ އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި، އުރީދޫ ގްރޫޕް ހިމެނިއްޖެއެވެ.

ދުނިޔޭގައި މުއާސަލާތީ ކުންފުނިތައް ލިސްޓުކޮށް ގިންތި ކުރާ ބްރޭންޑް ފައިނޭންސްގެ ޓެލެކޮމް ތްރީ ހަންޑްރެޑްގެ 2019 ރިޕޯޓާ ހަވާލާދީ އުރީދޫ ގްރޫޕުން ބުނީ އެ ކުންފުނީގެ ބްރޭންޑިން ވެލިއު 3.7 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އުރީދޫ ގްރޫޕަށް ލިބުނު މި ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ.

އަދި ކަސްޓަމަރުން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމުގައި އެ ކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. ގަތަރުގެ ބްރޭންޑެއް ކަމަށްވާ އުރީދޫގެ ކުންފުނިތައް މިހާރު މެދު އިރުމަތީގައި އާއި އުތުރު އެފްރިކާ އަދި އިރު ދެކުނު އޭޝިއާގެ ގައުމުތަކުގައި ހުރެއެވެ. 2013 ވަނަ އަހަރު އެ ގްރޫޕްގެ މަސައްކަތް ފެށި ފަހުން ބްރޭންޑް ވެލިއު ބާރު ދުވެލީގައި އިތުރުވަމުންދާކަން ޓެލެކޮމް 300 ލިސްޓު އެކުލަވާލާ ބްރޭންޑް ފައިނޭންސް އިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އުރީދޫ ބްރޭންޑުގެ ރޭޓިން ވަނީ އޭއޭ ޕްލަސްއަށް އަރާފައެވެ. އޭއޭ ޕްލަސްއަކީ އެންމެ ވަރުގަދަ ބްރޭންޑު ތަކަށް ލިބޭ ރޭޓިންއެކެވެ. ގަތަރަށް ނިސްބަތްވާ އުރީދޫ ގްރޫޕުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކުރި އެރުން ތަކެއް ހޯދާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...