ހަމަނުޖެހުންތަކާއި ގުޅިގެން 100 މީހުން ވަނީ ހައްޔަރުކޮށްފައި- ލަންކާ ފުލުހުން

ސްރީލަންކާގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ، ހަމަނުޖެހުން އެންމެ ބޮޑަށް ހިންގި ނޯތު ވެސްޓަން ޕްރޮވިންސުން ހައްޔަރު ކުރި 78 މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެން ހިސާބުތަކުން މީހުން ހައްޔަރު ކުރީ ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ނޯތު ވެސްޓަން ޕްރޮވިންސުގައި ހިނގަމުން އަންނަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފަސްހާސްއަށް ވުރެ ގިނަ ފުލުހުން އެ ސަރަހައްދަށް ވަނީ ފޮނުވާފައެވެ.

އެ ޕްރޮވިންސްގެ ހަމަނުޖެހުންތަކުގައި ހޯމަ ދުވަހު ވަނީ މުސްލިމަކު މަރާލައިފައެވެ. ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެގައުމުގައި ދިން ޓެރަރިސްޓް ހަަމަލާތަކުގެ ފަހަތުގައިވަނީ މުސްލިމުން ކަމަށް ތުހުމަތު ކުރެވުމާއި ގުޅިގެންނެވެ. އެގޮތުން އޭޕްރީލްމަހުގެ ހަމަލާތަކަށް ފަހު، މުސްލިމުންގެ ފިހާރަތަކަށާއި، މިސްކިތްތަކަށް އެހެން ދީންތަކުގެ މީހުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ލަންކާގެ ފުލުހުން ބުނީ ކޮލަމްބޯގެ އުތުރުން އޮންނަ އެންޑަބްލިއުޕީ އާއި ޖެހިގެން އޮންނަ ގަމްޕަހާ އަވަށުގައި މިހާރު ވެސް އޮންނަނީ ރޭގަނޑު ކާފިއު ހިންގާފައި ކަމަށެވެ. ހަމަނުޖެހުންތައް ބޮޑުވުމުން މި ހަފުތާގައި މުޅި ލަންކާގައި ވަނީ ދެ ރެއަކު ކާފިއު ހިންގައިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...