މުސްލިމުންނާ ދެކޮޅަށް ލަންކާގައި ދިން ހަމަލާތަކުގައި ސިފައިންގެ ބައިވެރިވުމެއް ނުވޭ: ސެނަނަޔަކަ

ސްރީލަންކާ ސިފައިންގެ ކޮމާންޑަރ މަހޭޝް ސެނަނަޔަކެ

މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ސިފައިން ބައިވެރިވި ކަމަށް ކުރެވޭ ތުހުމަތުތައް، ސްރީލަންކާ ސިފައިންގެ ކޮމާންޑަރ މަހޭޝް ސެނަނަޔަކެ ދޮގުކުރައްވައިފިއެވެ.

ކޮޅުނބުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާމީ ކޮމާންޑަރ ލެފްޓިނަންޓް ޖެނެރަލް މަހޭޝް ސެނަނަޔަކެ ވިދާޅުވީ، މިދިޔަ ހަފްތާގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި، މުސްލިމެއްގެ ގެއަށް ހަމަލާދިނުމަށް ސިފައިންގެ މީހަކު ގްރޫޕަކަށް އިޝާރާތްކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން ސިފައިންގެ މީހާ އެއްވެސް ގޯހެއް ހަދާތަން ނުފެންނަ ކަމަށެވެ. އެގޮތުން އެ ހާދިސާ ދިރާސާ ކުރުމަށް ތިން ކެމެރާއަކުން އެ މަންޒަރުތައް ބެލިކަމަށް ސެނަނަޔަކަ ވިދާޅުވިއެވެ.

އެގޮތުން އެނގުނީ، ހަމަނުޖެހުން ހިންގަމުން ގެންދިޔަމީހުންނަށް ސިފައިން އެއްވެސް ވަރަކަށް ހިތްވަރުދީފައި ނުވާކަމަށާ އެފަދަ ކަމެއް ހިނގިނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ސިފައިންގެ ކޮމާންޑަރ ވިދާޅުވިއެވެ. މަހޭޝް ސެނަނަޔަކެ އިތުރަށް ވިދާޅުވީ، މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަމުންގެންދިޔައީ ގިނައިން ސިންގަޅަ ޒުވާނުން ކަމަށާއި، ގިނަމީހުން ތިބީ މަސްތުގެ ހާލުގައި ކަމަށެވެ.

ހަމަނުޖެހުން ހިންގަމުންގެންދިޔަ މީހުން މިސްކިތްތަކާއި، މުސްލިމުންގެ ގެދޮރާއި، ފިހާރަތަކަށް ހަމަލާދެމުން ގެންދިޔައިރު، އެކަން ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދި، ކުޅިބަލަން ތިބޭ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައިވުމުން އެކަން ކުށްވެރިކޮށް އެކި ފަރާތްތަކުން ފާޅުކުރަމުންދާ ޝުއޫރުތަކަށްވެސް ސިފައިންގެ ކޮމާންޑަރ ޖަވާބު ދެއްވިއެވެ.

އެގޮތުން އެކަމާ ގުޅިގެން ސެނަނަޔަކެ ވިދާޅުވީ، ދަނޑިބުރިއާއި، ޕެޓްރޯލް ބޮން ހިފައިގެން ހަމަނުޖެހުން ހިންގަމުން ގެންދިޔަ މީހުންގެ އަދަދާ އަޅާ ބަލާއިރު ބައެއް ދިމަދިމާގައި އެ ހިނދަށް ސިފައިންގެ އަދަދު މަދުވީމާ ހުއްޓުވަން ނުކުޅެދުނީ ކަމަށެވެ. އެހެންކަމުން އެންމެބޮޑަށް ހަމަނުޖެހުން ހިންގި ނޯތު ވެސްޓަން ޕްރޮވިންސްގައި ފޯރި މަރަމުންދާ ސިފައިންގެ އަދަދު ކުރިއަށް ވުރެ މިހާރު ގިނަވާނޭ ކަމަށް ސެނަނަޔަކެ ވިދާޅުވިއެވެ. އަދި އިތުރަށް ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅު އަޅުއްވާނޭ ކަމުގެ އިންޒާރުވެސް އޭނާ ދެއްވާފައިވެއެވެ.

ސިފައިންގެ އިތުރުން، އިތުރު ފަސްހާސް ފުލުހުންވެސް މިހާރުވަނީ އެ ޤައުމުގައި ފޯރިއަށް ނެރެފައެވެ. އަދި މިހާރު މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދިޔަ ހަމަނުޖެހުންތައް ހުއްޓި ސްރީލަންކާ އާންމު ހާލަތަށް މިހާރު ރުޖޫޢަވެފައި ކަމަށް ލަންކާގެ މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ހަމަނުޖެހުންތައް އެންމެބޮޑުވި ކޮޅުނބުގެ އުތުރު ސަރަހައްދުތަކުގެ މަގުތައްވެސް އިއްޔެވަނީ އާންމުކޮށް ހުޅުވާލާފައެވެ. މަގުމައްޗަށް ނުކުމެއުޅޭ މީހުން މަދުނަމަވެސް އެ ސަރަހައްދުތަކުގެ ބޭންކްތަކާއި ފިހާރަތައްވެސް ހުޅުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮޅުނބުގެ އުތުރު ފިޔަވައި، ހަމަނުޖެހުންތައް ހިންގި އެހެން ސަރަހައްދުތައްވެސް އާންމު ހާލަތަށް އައިސްފައިވާ ކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...