ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާގެ އަދަދު ލަފާކުރި އަދަދަށް ވުރެ ބޮޑުވެއްޖެ: ފިނޭންސް މިނިސްޓްރީ

ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުތަކަށް ދެއްކި އަދަދު މިއަހަރުގެ ބަޖެޓުގައި ލަފާކުރި މިންވަރަށް ވުރެ، 6 ގުނަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ކަނޑައަޅާފައިވަނީ 50.4 މިލިއަން ރުފިޔާއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ހަތަރު މަސް ނިމިގެން ދިޔައިރު މިއަދަދު އިތުރުވެ 336.7 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.

ކޯޓު މަރުހަލާގެ ތެރެއިން ދައްކަންޖެހޭ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭއިރު އެ އަދަދު ސާފު ނުވާ ކަމަށްވެސް ފިނޭންސުން ބުނެއެވެ. ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު މިހާ ބޮޑުވެފައިވާ ސަބަބެއް ކަމުގައި މިނިސްޓްރީން ބުނެފައިވަނީ ނެކްސްބިޒާއި ސުނާމީ ލޯނުތައް މައާފު ކުރުމަށް ބީއެމްއެލަށް ފައިސާ ދެއްކުން ކަމަށެވެ.

ނެކްސްބިޒަށް 277 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާއިރު ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތަކުގެ ތެރެއިން 15.2 މިލިއަން ރުފިޔާވެސް ސަރުކާރުން ދައްކާ ހަލާސްކޮށްފައިވެއެވެ. ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދެއްކި ފައިސާގެ ތަފްސީލްތަކެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި މިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރާއެކު ސޮއިކޮށްފައިވާާ ދީބާޖާ އިންވެސްޓްމަންޓްގެ އެއްބަސްވުން ބާތިލްކުރުމުން އެކުންފުންޏަށް ބަދަލުދިނުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ވެސް ސިވިލް ކޯޓުގައި ފަށާފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

އެ ހުކުމް ސަރުކާރުން ތަންފީޒުކޮށްފިނަމަ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން މިއަހަރަށް ކަނޑައެޅި ބަޖެޓުގެ އަދަދު 13 ގުނައަށްވުރެ މައްޗަށް އިތުރުވެގެންދާނެ ކަމަށް ކަމާ ބެހޭ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ފިނޭންސް މިނިސްޓްރީން މި މައުލޫމާތު ހިއްސާކޮށްފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ ކަނޑައަޅާ ބަޖެޓަށް ވުރެ އިތުރަށް ބޭނުންކުރާނަމަ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް މިނިސްޓްރީން ނިންމާފައިވާ ނިންމުމެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު ގައިވާ ގޮތުން މިނިސްޓްރީ އަކަށް ނޫނީ މުއައްސަސާ އަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓަށް ހުއްދަ ދެވޭނީ ފަސް އިންސައްތަ ބޮޑު ކުރުމަށް އެކަންޏެވެ.

އަދި އެއަށްވުރެ އިތުރަށް ހަރަދު ކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ވެސް ވަނީ އެ އުސޫލުގައި ކަނޑައަޅުއްވާފައިވެއެވެ. ފިނޭންސް މިނިސްޓްރިން ހާމަކުރާ ގޮތުގައި އެކުލަވާލާފައިވާ އެ އުސޫލުގެ މަގުސަދަކީ ސަރުކާރުގެ އިދާރާތަކުން ކުރާ ހަރަދުތަކަކީ ޕްލޭނާ އެއްގޮތަށް ކުރާ ހަރަދުތައް ގޮތުގައި ހެދުން ކަމަށެވެ.

މިފަދަ ޕްލޭންތަކެއް ސަރުކާރުން އެކުލަވާލަމުންދާއިރު ސަރުކާރުން ގެއްލުނު 1.8 ބިލިއަން ރުފިޔާ އަދިވެސް ހޯދިފައިނުވާތީ އެކަމާ ގުޅިގެން ރައްޔިތުން އަންނަނީ ރައީސް ސޯލިހު އަށް ފާޑުކިޔަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...