ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރީ އެސްއޯއެފުގެ ފައިސާއާ ގުޅިގެން ނޫންކަން ހާމަވެއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފައިވަނީ އެސްއޯއެފުން ޖަމާކުރި ފައިސާއާ ގުޅިގެން ނޫން ކަން ހާމަވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފްއިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ޓްރާންސެކްޝަނާ ގުޅިގެން ނޫންކަން ހާމަވެގެން ދިޔައީ އެމައްސަލައިގެ އިސްތިއުނާފުގައި މިއަދު ސުޕްރީމު ކޯޓުގައި ބޭއްވުނު އަޑުއެހުމުގެ ތެރެއިންނެވެ.

އެގޮތުން މިއަދު ބޭއްވި އަޑު އެހުމުގައި ދައުލަތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ހަތްދިހަ ތިންވަނަ މާއްދަގެ ދަށުން އެކައުންޓް ފްރީޒު ކުރުމުގެ އަމުރެއް ނެރެވޭނީ އެ ޤާނޫނުގެ ހަތްދިހަ ދެވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓަރިން އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވެއްޖެ ހާލަތެއްގައި ނަމަވެސް މޮނިޓަރިންގ އަމުރެއް ނެރުމަކާ ނުލާވެސް އެ ޤާނޫނުގެ ހަތްދިހަ ދެވަނަ މާއްދާގެ ބ ގައި ބަޔާންކޮށްފައިވާ އިސްތިސްނާގެ ދަށުން ހޯދާ މައުލޫމާތުގެ އަލީގައި ވެސް އެކައުންޓް ފްރީޒު ކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށެވެ.

ދައުލަތުގެ އެ ނުކުތާއަށް ޖަވާބު ދެއްވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ ހަތްދިހަ ދެވަނަ މާއްދާ އަދި ހަތްދިހަ ތިންވަނަ މާއްދާގައި އޮތް އިބާރާތް ވަރަށް ސާފު ކަމަށާ އޭގެން އެހެން މާނައެއް ނެގޭނެ ޖާގައެއް ނެތް ކަމަށެވެ. ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެވެނީ އެ ޤާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓަރިންގ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުން ތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ކަމަށްވާނަމަ ކަން ވަރަށް ސާފު ޞަރީޙަ ބަހުން ބަޔާންކޮށްފައިވާ ކަމަށާއި، އެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގައި އޮތް އިސްތިސްނާއަކީ ބޭންކިންގއާއި ބެހޭ ޤާނޫނުގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ ކުށްތައް ތަޙްޤީޤްކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ ބޮކްސްތަކުގެ މަޢުލޫމާތުތައް ހޯދުމަށް އެކަނި އޮތް އިސްތިސްނާއެއް ކަމަށެވެ.

އަދި އެ އިސްތިސްނާއިން ބާރު ލިބިދެނީ ހަމައެކަނި ބޭންކުގައި ހުރި މަޢުލޫމާތެއް ހޯދުމަށް ކަމަށާއި، މޮނިޓަރ ކުރުމަކީ މުޅިން އެހެން ކަމެއް ކަމަށާއި މޮނިޓަރ ކުރުމުގެ އަމުރަކީ މުސްތަޤުބަލަށް ނެރޭ އަމުރެއް ކަމަށާއި އެހެންކަމުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގައި ބުނާ އިސްތިސްނާގެ ޙާލަތުގެ ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނުނެރެވޭނެ ކަމަށާއި އެހެން ޢަމަލުކުރަން ވެއްޖެނަމަ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 72 އަދި 72 ވަނަ މާއްދާއަކީ އެއްވެސް މާނައެއް ނެތް ބޭނުމެއް ނުހިފޭ ދެ މާއްދާއަކަށް ވާނެ ކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.

އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބަލާއިރު ވެސް އަލަށް ހެދޭ ޤާނޫނަކީ ކުރިން އޮތް ޙާލަތު ބަދަލުކޮށް ކުރިން އޮތް އުނިކަމެއް ފޫބެއްދުމަށްޓަކައި ހެދޭ ޤާނޫނެއް ކަމަށް ބަލަންޖެހޭނެ ކަމަށާއި އެހެންކަމުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު އައުމަށްފަހު އެކައުންޓް ފްރީޒް ކުރުމުގެ އެންމެހާ ކަމެއްގައި ޢަމަލު ކުރަންޖެހޭނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި އޭގެ ކުރިން ޢަމަލު ކުރެވެމުން އައި ގޮތްތަކަށް މިހާރު ޢަމަލު ކުރަން ނުޖެހޭނެ ކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ޝިޔާޒް އިތުރަށް ވިދާޅުވީ، ދައުލަތުން ރައީސް ޢަބްދުﷲ ޔާމީންގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުގައި އެދުނު ފޯމާއެކު ހެއްކާއި ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ މައިގަނޑު 2 ޑޮކިއުމަންޓެއް ކަމަށެވެ.

އެއީ އެމަނިކުފާނުގެ ބޭންކު އެކައުންޓްތަކުގެ ސްޓޭޓްމަންޓްތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފޮނުވާފައިވާ ސިޓީއެއް ކަމަށާއި، އެހެންނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައި އޮތީ ޢަބްދުﷲ ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި އޮތް އެކައުންޓަކުން ބީއެމްއެލްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެއީ އާދަޔާ ޚިލާފު މުޢާމަލާތެއް ކަމަށްވާތީ އެ މުޢާމަލާތާ ގުޅޭ ވާހަކަތަކެއް ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

އަދި އެ ސިޓީގައި މި މައްސަލާގައި ހިމެނޭ ރައީސް ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓްތަކުގެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކައުންޓަކާ ގުޅޭ މުޢާމަލާތެއްގެ ސަބަބުން އަދި އެ މުޢާމަލާތާ ގުޅިގެން އެކަން ސަމާލުކަމަށް ގެނައުމަށްޓަކައި އެމްއެމްއޭއިން ފޮނުވި ސިޓީގައި ވެސް ނުހިމެނޭ އެކައުންޓްތަކެއް ފްރީޒް ކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާޒު ވިދާޅުވީ، މިއަދުގެ އަޑުއެހުމުގެ ތެރެއިން ހާމަވެގެން ދިޔައީ ރައީސް ޔާމިންގެ މައްޗަށް އެމްއެމްއޭ އިން ކުރާ މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއާ ގުޅިގެން ނޫން ކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...