ޔުނައިޓެޑްގެ ސްކޮޑް ވަރުގަދަ ކުރަން ބޭނުންވާ މާލީ އެހީތެރިކަން ލިބޭނެ: ވުޑްވަޑް

އަންނަ ސީޒަނަށް މެންޗެސްޓަރ ޔުނައިޓެޑްގެ ސްކޮޑް ވަރުގަދަ ކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން އެ ޓީމުގެ މެނޭޖަރ އޮލީ ގުނާ ސޮލްޝަޔަރއަށް ފޯރުކޮށްދޭނެ ކަމަށް އެ ޓީމުގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ބުނެފިއެވެ.

ވުޑްވާޑް ބުނީ ޔުނައިޓެޑްގެ މެނޭޖަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން އެ ކްލަބުގައި އެބަހުރި ކަމަށެވެ. މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ވަގުތީ މެނޭޖަރުގެ މަޤާމާ އޮލީ ހަވާލުވެގެން ކުޅުނު ފުރަތަމަ 11 މެޗުގެ ތެރެއިން 10 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. ނަމަވެސް އޭނާގެ މަޤާމު ދާއިމީ ކުރި ފަހުން މިއަހަރުގެ މާޗް މަހުން ފެށިގެން އެ ޓީމަށް އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާއިރު، ޔުނައިޓެޑުން މި ސީޒަން ނިންމާލީ ތާވަލުގެ ހަވަނައިގައެވެ.

މި ސީޒަންގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓަރ ސިޓީއަށްވުރެ ތިރީސް ދެ ޕޮއިންޓް މަދުން ޔުނައިޓެޑަށް ޕޮއިންޓް ލިބިފައިވާއިރު، އޮލީ ބުނީ ޔުނައިޓެޑަށް ލީގު ކާމިޔާބުކުރަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

ޔުނައިޓެޑް އެންމެ ފަހުން ލީގު ކާމިޔާބު ކޮށްފައިވަނީ ކުރީގެ މެނޭޖަރު ސަރ އެލެކްސް ފަރގަސަންއާއެކު 2012 - 2013 ވަނަ އަހަރުގެ ސީޒަންގައެވެ. އޮލީ ހަވާލުވުމުގެ ކުރިން އެ ޓީމުގެ މެނޭޖަރު މަޤާމުގައި ހޯސޭ މޮރީނިއޯ ހުރިއިރު، ޔުނައިޓެޑް ވަރުގަދަ ކުރުމަށްޓަކައި އާ ކުޅުންތެރިން ގަނެ، ފައިސާ ޚަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވެސް ވަނީ ބުނެފައެވެ. ނަމަވެސް ޔުނައިޓެޑަށް އޭނާ ގަންނަން ބޭނުންވި ކުޅުންތެރިން ގަތުމުގައި ވުޑްވަޑް އޭރު ވަނީ ހުރަސްއަޅާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...