އާސަންދައިން ބޭސްދޫކުރާ ފާމަސީތައް 30 ދުވަހުގެ ތެރޭގައި އަލުން ރެޖިސްޓްރީ ކުރަން ޖެހޭގޮތަށް އުސޫލު ކަނޑައަޅައިފި

އާސަންދައިން ބޭސްދޫކުރާ ފާމަސީތައް 30 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭގޮތަށް، އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުން ޢަމަލުކުރަންޖެހޭ އުސޫލު ގެޒެޓް ކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން (އެންސްޕާ)އިން ބުނީ، އެ އުސޫލު ގެޒެޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ސްކީމުގެ ދަށުން މިހާރު ޚިދުމަތް ދެމުން އަންނަ ފާމަސީތަކުން، އެ ސްކީމުން ހިދުމަތްދޭ ފާމަސީތަކުގެ ދަފުތަރުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އުސޫލުގައި ކަނޑައަޅާފައިވާ 30 ދުވަހުގެ މުއްދަތުގައި މިހާރުވެސް ހިދުމަތް ދެމުން އަންނަ ގޮތަށް އެތަންތަނުން ހިދުމަތް ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި އަލުން ރަޖިސްޓްރީ ނުކުރާ ފަރާތްތައް ދަފްތަރުން އުނި ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެ އުސޫލުގައިވާ ގޮތުން، އަލަށް ރަޖިސްޓަރީ ކުރާ ފާމަސީއެއް ނަމަ ފަސްހާސް ރުފިޔާގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ވާނެއެވެ.

ނަމަވެސް ރީ ރަޖިސްޓަރީ ކުރާ ފާމަސިތަކުން ދައްކަން ޖެހޭނީ އެއްހާސް ފަސްސަތޭކަ ރުފިޔާއެވެ. ތިރީސް މާއްދާގެ މައްޗަށް އެކުލެވޭ މި އުސޫލުގައި، ފާމަސީތައް ރަޖިސްޓަރީ ކުރެވޭނެ ގޮތްތަކާއި، ސްކީމު ގެ ދަށުން ޚިދުމަތްދިނުން، ސްކީމުގެ ދަށުން ދޫކުރާ ބޭހުގެ ހިދުމަތްދޭ ފަރާތުގެ މުވައްޒަފުންނާއި ފާމަސިސްޓުން، ރަޖިސްޓްރީކުރަންޖޭ ކަމަށް ކަނޑައަޅާފައިވެއެވެ. 

އެ އުސޫލުުގައި ބުނާގޮތުން، އެކި މައްސަލަތަކުގައި ބްލެކް ލިސްޓް ކޮށްފައިވާ ޑޮކްޓަރުންނާއި މަރުކަޒުތަކުން ލިޔެފައިވާ ބޭސް ސިޓީއަށް ސްކީމުގެ ދަށުން ބޭސް ދޫކޮށްގެން ނުވާނެކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ސްކީމުގެ ދަށުން ހިދުމަތް ދިނުމަށް އެއްބަސްވެ، އެކަމަށް ބޭނުންވާ މައުލޫމާތާއި ތަމްރީނާއި ޔޫޒަރ ލޮގިން ލިބުމަށްފަހު، އެއްވެސް ސަބަބަކާ ނުލައި ފަނަރަ ދުވަހުގެ ތެރޭގައި ހިދުމަތް ނުދީފިނަމަ ފާމަސީތަކުގެ ދަފުތަރުން ވަކިކުރުމުގެ އިހުތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

އެ ސްކީމުގެ ދަށުން ބޭސް ދޫކުރަންޖެހޭނީ އެންސްޕާއިން ހުއްދަ ދީފައިވާ އަގު ލިސްޓާ އެއްގޮތަށެވެ. މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފާމަސީ ސަސްޕެންޑް ކުރުންފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު އެންސްޕާއަށް ވަނީ ދީފައިކަން ފާހަގަކޮށްލެވެއެވެ. އަދި މި އުސޫލަށް އިސްލާހެއް ގެންނަން ފެނިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނީ ސްކީމް ބޯޑުންކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...