3 ޕާޓީއަކަށް ފައިސާ ދޫކުރަން އީސީން ފިނޭންސަށް އަންގައިފި

އިލެކްޝަންސް ކޮމިޝަނުގައި ސިޔާސީ ޕާޓީތަކުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޕާޓީތަކުގެ ތެރެއިން މިއަހަރު ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުން ސިޔާސީ ޕާޓީތަކަށްވާ ފައިސާ ދޭން ނިންމި ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރަށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ފައިސާ ލިބެނީ އެންމެ ހަތަރު ޕާޓީއަށް ކަމަށެވެ. އެގޮތުން ފާއިސާ ލިބޭ ޕާޓީތަކަކީ އެމްޑީޕީ ،ޕީޕީއެމް ،ޖެޕީ އަދި އެމްޑީއޭ. މީގެތެރެއިން ޝަރުތު ހަމަވެ މިވަގުތު ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވަނީ ތިން ޕާޓީއަކަށް ކަަމަށާއި އެއީ އެމްޑީޕީ އެމްޑީއޭ އަދި ޖޭޕީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި އެ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް އީސީގެ ޓުވީޓުގައި ބުނެފައިވެއެވެ. ފައިސާ ލިބޭ ޕާޓީތަކުގެ ތެރޭގައި ޕީޕީއެމް ހިމެނުނު ނަމަވެސް އެޕާޓީއަށް ފައިސާ ދޫކުރަން ފިނޭންސަށް ނުފޮނުވާ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވަކި އެއްޗެއް ބުނެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ފަސްވަނަ މަހާއި ހަމައަށް އައި އިރުވެސް ޕާޓީތަކަށް ފައިސާ ދޫނުކުރެވި ލަސްވީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހަޅާފައި ވުމުން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...