ޑޮކްޓަރުގެ އިހުމާލުން ޕާކިސްތާނުގެ 400 އަށްވުރެ ގިނަ މީހުން އެޗް.އައި.ވީއަށް ޕޮސިޓިވް ވެއްޖެ

ޑޮކްޓަރެއްގެ އިހުމާލުން ޕާކިސްތާނުގެ ސިންދު ޕްރޮވިންސުގެ ވަސަޔޯ އަވަށުގެ 400އަށްވުރެ ގިނ މީހުން އެޗްއައިވީއަށް ޕޮޒިޓިވް ވެއްޖެއެވެ.

ޖަރާސީމު އެކުލެވިފައިވާ ސިރިންޖްތަކެއް ބޭނުންކޮށްގެން ޕާކިސްތާނުގެ ޑޮކްޓަރަކު އެ ޤައުމުގެ އަވަށެއްގެ ރައްޔިތުންނަށް ފަރުވާ ދީފައިވާކަން ހާމަވުމުން އެނާއާއި މެދު ފިޔަވަޅު އެޅުމަށް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ނިންމާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން އެ އަވަށުގެ ކުދި ބޮޑު އެންމެންގެ ލޭގެ ޓެސްޓުތައް ހެދުމަށް އަންގާ ޓެންޓުތައް ވަނީ ޖަހާފައެވެ.

އެ ޓެންޓުތަކަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޒިޔާރަތް ކުރަމުން ދާއިރު މިހާތަނަށް 400އަށްވުރެ ގިނަ މީހުން އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. އެޗްއައިވީއަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ޕޮޒިޓިވް ވެފައިވާއިރު ވަސަޔޯގެ އަވަށުގެ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޖަރާސީމު ހުރި ސިރިންޖްތައް ބޭނުންކުރި ޑޮކްޓަރަށް ހަރުކަށި އަދަބު ދިނުމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މި މައްސަލއާއިގުޅިގެން އދ. ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ކަންތައްތައް ދިމާވަނީ ކޮލިފައި ނުވާ ޑޮކްޓަރުންނާއި ސާފުތާހިރު ކަމަށް އިސްކަން ނުދޭ ޑޮކްޓަރުންގެ ސަބަބުން ކަަމަށެވެ. އެގޮތުން އެ ޖަމިއްޔާގެ ރިޕޯޓްތައް ދައްކާގަޮތުގައި ޕާކިސްތާނުގައި ހަ ލައްކައަށްވުރެ ގިނަ ކޮލިފައި ނުވާ ޑޮކްޓަރުން މަސައްކަތ ްކުރާ ކަން ފާހަގަކުރެވިފައިވާކަމަށާއި އޭގެ ތެރެއިން ދެ ލައްކަ ހަތްދިހަ ހާސް ޑޮކްޓަރުން މަސައްކަތ ްކުރަނީ ސިންދު ޕްރޮވިންސުގައި ކަމަށް އދ އިން ވަނީ ބުނެފައެވެ.

ޕާކިސްތާނުގައި އެޗްއައިވީގެ އައުޓްބްރޭކެއް އައުމާއެކު އެ ޤައުމުވަނީ ދުނިޔޭގެ އެންމެ ހަލުވި ކަމާއެކު އެޗްއައިވީ ފެތުރޭ ޤައުމުތަކުގެ ލިސްޓުގެ ދެވަނައަށް އަރާފައެވެ.

މިކަމާއި ގުޅިގެން އެ ޤައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށް ސަރުކާރާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...