އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ނުވަވަނަ މާއްދާގެ ހ ގެ ދަށުން ހޯމް މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ރ.ކަނދޮޅުދޫ ރިހިތަޅާގެ އަހުމަދު މުޙައްމަދުފުޅު އައްޔަންކޮށްފައިވާ ކަމަށެވެ. އަޙުމަދު މުޙައްމަދުފުޅު މަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމްގައި ހުންނެވި މުޙައްމަދު އިބްރާހީމް ދީދީ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އައްޔަންކުރެއްވި އަހުމަދު މުޙައްމަދުފުޅަކީ ބެޗެލަރ އޮފް އަރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ހާޞިލްކުރެއްވުމަށްފަހު، މާސްޓަރ އިން ސޯޝަލް ޕޮލިސީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަހުމަދު މުޙައްމަދުފުޅު އެންމެފަހުން މަސައްކަތްކުރެއްވީ ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ގެ މަޤާމްގައެވެ. އޭގެކުރިން މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމް އަދާކުރެއްވިއެވެ. އަދި އޭނާއަކީ ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަންގެ މެމްބަރެއްވެސްމެއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ މީހުން ބަންދުކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމަށްޓަކައި އައްޔަންކުރާ މީހާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...