ސީޒަން ނިމުމުން ގްރީޒްމަން، އެތްލެޓިކޯ ދޫކޮށްލަނީ

މި ސީޒަން ނިމުމުން އެތްލެޓިކޯ މެޑްރިޑްގެ ސްޓްރައިކަރު އަންޓްވާން ގްރީޒްމަން އެ ކްލަބް ދޫކޮށްލާނެ ކަމަށް އޭނާ ބުނެފިއެވެ.

އެކަން އޭނާ ކަށަވަރުކޮށްދިނީ ޓުވިޓަރ މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެތްލެޓިކޯއާއެކު ގްރީޒްމަން ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު ލެވަންތޭއާ ދެކޮޅަށް އެތްެލެޓިކޯއިން ކުޅުނު މެޗަކީ އޭނާ އެ ކްލަބަށް ކުޅުނު ފަހު މެޗެވެ. ގްރީޒްމަންގެ ބައިއައުޓް ކްލޯސް ކަމަށްވާ 120 މިލިއަން ޔޫރޯ ދައްކަން ބާސާއިން އޮތީ ތައްޔާރަށް ކަމަށް ބޭރުގެ ކުޅިވަރު މީޑިއާތަކުން ރިޕޯޓުކުރެއެވެ.

2014 ވަނަ އަހަރު ރެއާލް ސޮސިއެދާދްއިން އެތްލެޓިކޯއާ ގުޅުނު ގްރީޒްމަން ވަނީ އެ ޓީމަށް 256 މެޗު ކުޅެ، 133 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ ފާއިތުވި ފަސް ސީޒަނުގައި ވެސް އެތްލެޓިކޯއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޔުރޮޕާ ލީގް، ސްޕެނިޝް ސުޕަރ ކަޕް އަދި ޔުއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ގްރީޒްމަން ވެގެންދާނީ މި ސީޒަން ނިމުނުން އެތްލެޓިކޯ ދޫކޮށް ދާ ތިންވަނަ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އެގޮތުން އެ ޓީމުގެ ލޫކަސް ހަނާންޑޭޒް ބެޔާންއަށް ބަދަލުވާއިރު، ޓީމުގެ ކެޕްޓަން ޑިއޭގޯ ގޯޑިން ވެސް އެ ކްލަބު ދޫކޮށްލާނެކަން ވަނީ އިއުލާނުކޮށްފައި.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...