ލެޑް ބޮކި ދޫކުރުމުގެ ބިޔަ މަޝްރޫއެއް ފަށައިފި

ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، އެމަސައްކަތް ކުރުމަށްޓަކައި ލެޑްބޮކިތައް ޔޫޓިލިޓީ ކުންފުނިތަކާއި ހަވާލުކޮށްފިއެވެ. 

މިއަދު ކުރިއަށްދިޔަ ހަފްލާއެއްގައި އެންވަޔަރަމަންތް މިިނިސްޓްރީން އެ ބޮކިތައް ޙަވާލުކޮށްފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. އެންވެޔަރަމަންޓް މިިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި ސަރުކާރުން ފަށާފައިވާ އެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 2 ލެޑް ބޮކި ދޫކުރެވޭނެއެވެ.

ލެޑް ބޮކިތައް ޔޫޓިލިޓީ ކުންފުނިތަކަށް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށްޓަކައި ހަކަތަ ސަމަކާރަ ތަކެތި ގަތުމަށާއި، ޢާއްމު ދިރިއުޅުމުގައި ހަކަތައިގެ އިސްރާފުކުޑަވާނެ ގޮތަކަށް އާދަތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހަކަތަ އިޤްތިސާދުކުރުމަށްޓަކައި ހަކަތަ ސަމަކާރަ ލޭބަލް ހެދުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ ބިލްޑިންގ ކޯޑަށް ބޭނުންވާ ކޮމްޕްލަޔަންސް ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިތުރުން، ހަކަތަ ސަމަކާރަ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމުތައް ހިންގަމުން އަންނަކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކަރަންޓުގެ ޚަރަދު ކުޑަ ކުރުުމަށް ލެޑް ބޮކިތައް ބެހުމުގެ މަޝްރޫޢެއް ފައްޓާފައިވާއިރު، ރައީސް ސޯލިހު ކަރަންޓު އަގު ހެޔޮ ކުރެއްވި ކަމަށް ވިދާޅުވި ފަހުން އައި ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...