ލަންކާގައި އިއުލާންކޮށްފައިވާ ކާފިޔުގެ މުއްދަތު އިތުރުކޮށްފި

ސްރީލަންކާގައި އިއުލާންކޮށްފައިވާ ކާފިޔުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ، އިސްލާމިކް ސްޓޭޓް، އައިއެސް ޖަމާއަތުން އުފުލުމާއެކު، ލަންކާގައި ދިރިއުޅޭ މުސްލިމުންނާއި، ކްރިސްޓިއަނުންނާއި ދެމެދު ވަނީ ހަމަނުޖެހުންތައް އިތުރުވާން ފަށާފައެވެ. އެގޮތުން ހޯމަ ދުވަހު ލަންކާގައި މުސްލިމަކު މަރާލާފައިވެއެވެ.

މީގެ އިތުރުން އުޅަނދުތަކާއި، ފިހާރަތަކުގައި ރޯ ކުރުމާއި މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތަކެއްވެސް މުސްލިމުންގެ ފަރާތުން ލަންކާގެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. އެކަންތައްތަކާއި ގުޅިގެން ހޯމަ ދުވަހު ކާފިޔު އިއުލާން ކުރިއިރު، ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ކާފިޔުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އަދި މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާތަކާއި ގުޅިގެން ބުޑިސްޓުންގެ 60 މީހުން ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީގެ ތިން ހަފްތާ ކުރިން ކްރިސްޓިއަނުން ފާހަގަކުރާ އީސްޓަރ ސަންޑޭއާއި ދިމާކޮށް ލަންކާގެ ބައެއް ހޮޓަލުތަކާއި، ފައްޅިތަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

22 މިިލިއަން މީހުން ދިރިއުޅެމުން އަންނަ ސްރީލަންކާގެ އާބާދީގެ 10 އިންސައްތައަކީ މުސްލިމުންނެވެ. އަދި ކްރިސްޓިއަނުންގެ އާބާދީ އަކީ 7.6 އިންސައްތަ. މީޑިއާތަކަށް މައުލޫމާތު ދެމުން ލަންކާގެ ބައެއް މީހުން ބުނީ މީގެ ކުރިން އެގައުމުގައި ދިރިއުޅޭ ކްރިސްޓިއަނުންނާއި މުސްލިމުންނާއި ދެމެދު އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށެވެ. އަދި ހަމަނުޖެހުންތައް އިތުރުވާން ފެށީ ބަޔަކު ރާވައިގެން ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...