ޒިންމާ ނަގާނެ ބަޔަކު ނެތި ރައްޔިތުން ހަނާވަނީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރާއްޖެގެ ތަރައްޤީގެ ބާނީ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޒައާމަތުގައި ދިވެހި ރައްޔިތުން އުޅެމުން އައީ ނުހަނު ފުދިގެން ތިބި ދިރިއުޅުމެއްގައެވެ.

މަގުމަތީގައި ވަޒީފާ ނެތި ކަންކަން މަތީގައި ގިނަ ވެފައި ތިބި ޒުވާނުންވެސް ފެންނަމުން ދާން ފެށީ ޒިންމާދާރު ހަރުދަނާ ވަޒީފާތަކުގައި މަސައްކަތް ކުރަނިކޮށެވެ. ކުންފުނިންތަކުގައި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށް ދެއްވާ ކޮންމެ އާއިލާއަކަށްވެސް ހަމަޖެހިލައިގެން އުޅެލެވޭވަރުގެ އާމްދަނީއެއް އޭރު ލިބެމުންދިޔަ ކަމަށް ގިނަ އާއިލާތަކުން ދިޔައީ ބުނަމުންނެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ޔަގީންވެގެން ދިޔައީ ވެސް ރައީސް ޔާމީންގެ ޒައާމަތުގައެވެ. އެއީ އެމަނިކުފާނު ދިވެހިން ރަައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން މުހިއްމު ވައުދުފުޅެކެވެ. ދައުރު ނިންމާ ލެއްވީ އެ ވައުދު ފުއްދަވާ ދެއްވުމަށްފަހުއެވެ. ހޫނު ގަދަވެގެން އަތޮޅުތެރޭގައި ރޭގަނޑުގެ ނިދިން މަހްރޫމު ވެފައި ތިބި ތުއްތު އެތައް ކުދިންނަކާއި، އެކުދިންގެ މައިންބަފައިންނަށް ރޭގަނޑުގެ ހަމަ ނިދި ލިބިގެންދިޔައެވެ.

ސިއްހީ ނިޒާމު ރާއްޖޭގެ ތާރީޚުގައިވެސް ނުދެކޭހާ އުސް މިނަށް ދަތުރުކުރިއެވެ. ރާއްޖެއިން ބޭރުން ދިވެހިން ލިބިގަންނަމުން ދިޔަ އެތައް ޚިދުމަތެއް ރާއްޖެގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިޔައެވެ. ނުރައްކާތެރި އެތައް ބައްޔަކަށް އަމިއްލަ ބިމުގައި ތިބެ ފަރުވާ ހޯދުމުގެ ނަސީބު ލިބިގެން ދިޔައެވެ. ނަމަވެސް މުސްކުޅިން ބުނެއެވެ. ކަނެއްގެ އަތަށް ޖަވާހިރެއް ދިނަސް އެމީހާއަށް އެއީ ކޯއްޗެއްކަމެއް ނޭނގޭނެއެވެ. އެއީ އަނދިރި މީހަކަށްވުމުންނެވެ.

ކޮންމެއަކަސް އެމްޑީޕީ މީހުންނަށް އޭރު އެ ކަންކަން ނުފެނުނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ. ދަންނަވަން މިއުޅެނީ އެވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ ރައްޔިތުން ބިކަ ނުކުރާނެ ކަމަށް ބުނެ ގައުމާއި ހަވާލުވި ސަރުކާރުން ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގެންފައިވާ ވާހަކައެވެ. ސަރުކާރަށް އަޅުގަނޑުމެންގެ ހިސާބު ޖެހުމުން ހަމަސް ވެފައިވާއިރު، އަދި އެ ބޭފުޅުންގެ ހިސާބު ޖެއްސެވުމުން ހަތަރުމަސް ވެފައިވާއިރު، އެތައް ދިވެހިންނެއް މި ވަނީ ވަޒީފާތަކުން ވަކިކޮށްފައެވެ.

އެތައް އޮފީސްތަކެއް އުވާލުމުން، އެތައް އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތުވަނީ ވަރަށް ދަށްވެފައެވެ. 

ނަމަވެސް ވަޒީފާތަކުން މީހުން ވަކި ކުރުމުން ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް މި ސަރުކާރުގެ ތަރުޖަމާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެންކަމުން، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އޮންނަންވާނީ ހަމަ އެއް ހުކުމެއް އެހެން ނޫންތޯއެވެ؟

ދެން އޮތް އަނެއްކަމަކީ ރައްޔިތުންނަށް ލިބިދޭން ޖެހޭ އަޞާޞީ ހައްގުތަކުން ރައްޔިތުން މަހްރޫމުވެފައިވާ ވާހަކައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަތރަންޓުގެ ޚިދުމަތްވަނީ މެދު ކެނޑެން ފަށާފައެވެ. ގިނަ ރަށްތަކެއްގެ ރައްޔިތުން މި ރޯދަ މަހު ކަރަންޓާ ނުލާ ދުވަސްތައް ގުނަމުންދާއިރު، ފީވަކާ، ހޯޑެއްދޫ އާ، ކޮނޑޭއާ ފުވައްމުލަކު ސިޓީއާ ނިލަންދޫ ހިމެނެއެވެ. މިކަމުގައި ޒިންމާނަގަން ޖެހުނީ ސްޓެލްކޯ އަށާ ފެނަކަ ކޯޕަރޭޝަންއަށެވެ. އަދި އެވެސް ނިމި ދިޔަ ސަރުކާރަށެވެ. އެހެންކަމަށްވަނީ ނަމަ ވެރިކަންވެސް ނިމިދިޔަ ސަރުކާރާ ހަވާލުކުރަންވީ ނޫންތޯ ގިނަ ބަޔަކު މިއަދުވަނީ ބުނަން ފަށަފައެވެ.

ރައީސް ޔާމީން ރައްޔިތުންނަށް ޔަގީންކޮށްދެއްވި ސައުވީސް ގަޑިއިރުގެ ކަރަންޓު މިއަދު މި ސަރުކާރުން ވަނީ ރައްޔިތުން އަތުން ނިގުޅައި ގަނެފައެވެ. އަދި ބުނަމުންދަނީ އެކަން އެހެން ވަނީ ކުރީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންކަމަށެވެ. ކޮންމެ އަކަސް މި ސަރުކާރުން އެއްވެސް ކަމަކާ ޒިންމާ ނަންގަވަން ބޭނުން ނުވާކަން މިފަދަ ކަންކަމުން އެނގި ހާމަވަމުންދެއެވެ.

ރާއްޖޭގެ ވެރިކަމުގައި މިއަދު ހުންނެވި ބޭފުޅާއަކީ ޒިންމާ ނަގަންވަން ކެރިވަޑައި ނުގަންނަވާ ބޭފުޅެއްކަން އެމަނިކުފާނު އެކުލަވާލާފައިވާ ގިނަ ކޮމިޝަނުތަކާ ކޮމިޓީތަކުންވެސް އެނގި ހާމަވެގެންދެއެވެ. މިއަދު ޤައުމުގެ ކޮންމެ ދިމާއަކަށް ނަޒަރު ހުއްޓާލިއަސް ފެންނަމުންދަނީ ޒިންމާ ނަގާނެ ވެރިންތަކެއް ނެތި ނިކަމެތި ރައްޔިތުން ހަނާ ވަމުންދާ މަންޒަރެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދާރީ ވާނެ ވެރިއެއް މިއަދު ޤައުމުގައި ނެތް ކަމަށް ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އެލެކްސް 15 މެއި 2019 - 22:24

    ތީ ހަމަ ހައްޤު ތެދު. މިއީ ބަލާވެރި ކަމެއް

ގުޅުން ހުރި
Loading...