ފިޗްގެ ރޭޓިން ދެމެހެއްޓުމުން ހާމަވަނީ ރައީސް ޔާމީންގެ އިޤްތިޞާދީ ޞިޔާސަތު ހަރުދަނާކަން: ސައީދު

ކުރީގެ އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު

ފިޗް އިން ރާއްޖެއަށްދީފައިވާ ކްރެޑިޓް ރޭޓިންގް ދެމެހެއްޓުމުން ހާމަ ވެގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އިޤްތިޞާދީ ސިޔާސަތުގެ ހަރުދަނާކަން ކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ 200 މިލިއަން ޑޮލަރުގެ ބޮންޑު ބޭރަށް ވިއްކުމަށްޓަކައި، 2017 ވަނަ އަހަރު ރާއްޖެ ރޭޓް ކުރުމުގެ މަސައްކަތް ފިޗާއި ހަވާލުކުރުމުން އެ ކުންފުނިން އޭރު ރާއްޖެއަށް ދީފައިވާ "ބީ ޕްލަސް" ރޭޓިންގް މިއަހަރު ވެސް ވަނީ ދަމަހައްޓައިފައެވެ. އެކަމާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އިންތިޚާބީ މެމްބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިޗް އިން ރާއްޖެއަށް ދީފައިވާ ރޭޓީން ދެމެހެއްޓުމުން އެނގިގެންދަނީ ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތަކީ ދެމެހެއްޓެނެވި، ދިގު ރާސްތާ އަދި ހަރުދަނާ ސިޔާސަތެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ ސިޔާސަތަށް ބައިނަލްއަޤްވާމީ ބަލައިގަތުން ލިބިގެން ގޮސްފި ކަމަށްވެސް ސައީދުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ. ފިޗުން އާންމުކުރި ރޭޓިން ބަޔާނެއްގައި ބުނެފައިވަނީ، "ބީ ޕްލަސް" ރޭޓިންއެއް ރާއްޖެއަށް ދީފައިވަނީ އިތުރުވަމުން އަންނަ ދަރަންޏާއި، ކުރާ ހަރަދުގެ ނިސްބަތުން ބޭރުގެ ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ގާބިލުކަން ހުރިކަން ފާހަގަ ކުރެވޭތީކަމަށެވެ.

ފިޗްއިން ރާއްޖެއާއި މެދު ގޮތަކަށް ބަޔާން ނެރެފައިވާއިރު، އެމްއެމްއޭގެ 2018ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ އަންދާޒާތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު މިދިޔަ އަހަރު 7.6 ޕަސެންޓަށް ހަލުވިވެގެން ގޮސްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޓޫރިޒަމްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއިންނެވެ. އެގޮތުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ކުރީ އަަހަރާ އަޅާ ބަލާއިރު ހަތް ޕަސެންޓް އިތުރުވިއެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީން ލިބުނު އާމްދަނީ 10 ޕަސެންޓް އިތުރުވެ އޮކިއުޕަންސީ ރޭޓް 62 ޕަސެންޓަށް އިތުރުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...