ޔުރޮޕާ ލީގުގެ ފައިނަލަށް ފަހު ހަޒާޑް ރެއާލްއަށް

ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައި ޗެލްސީގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް އެ ކްލަބު ދޫކޮށް ރެއާލް މެޑްރިޑަށް ސޮއިކުރަން ނިންމައިފިއެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް ޗެލްސީއާއެކު ސޮއިކޮށްފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން އަހަރަކަށް ވެފައިވާއިރު، އޭނާ ރެއާލްއަށް ސޮއިކުރާނީ 100 މިލިއަން ޕައުންޑާ ގާތްކުރާ އަގަކަށް ކަމަށް ބޭރުގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ރެއާލްއަށް އޭނާ ދާނީ ޔުރޮޕާ ލީގުގެ ފައިނަލަށް ފަހު މެއި 29 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

2012 ވަނަ އަހަރު ފްރާންސްގެ ލިލްއިން ޗެލްސީއަށް ބަދަލުވި ހަޒާޑް ވަނީ ފާއިތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އެ ކްލަބަށް 245 މެޗު ކުޅެ، 85 ލަނޑު ޖަހައިދީފައެވެ.

ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓް ހުޅުވެން ދެ ދުވަހަށް ވެފައިވާއިރު، ބޮޑެތި އެހެން ކްލަބްތަކުން ވެސް ދަނީ ސްކޮޑް ވަރުދަގަ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕީއެސްޖީން ރެއާލްގެ ބޭލް، އިސްކޯ އަދި ކްރޫސް ގަތުމަށް މަސައްކަތް ކުރަމުންދާއިރު، މެންޗެސްޓަރ ސިޓީން މި ވިންޑޯގައި ދުއިސައްތަ މިލިއަން ޕައުންޑް ހޭދަކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ވިންޑޯގައި މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ މުހިންމު ޓާގެޓަކީ ނަޕޯލީގެ ސެނެގަލް ޑިފެންޑަރު ކާލިދޫ ކުލިބަލީ ކަމަށާއި ލިލްގެ ނިކޮލަސް ޕެޕޭ ގަތުމުގެ މަސައްކަތް ވެސް އެ ކްލަބުން ކުރަމުން އަންނަ ކަމަށް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...