ލަންކާގައި އަނެއްކާވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބްލޮކް ކޮށްފި

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން އެޤައުމުގެ ސަރަހައްދެއްގައި ސަލާމަތީ ބާރުތަކުން ފޯރިމަރަނީ. ފޮޓޯ/ ދި ޖަޕާން ޓައިމްސް

ސްރީލަންކާގައި އަނެއްކާވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބްލޮކް ކޮށްފިއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ހަމަލާތަކަށް ފަހު އެގައުމުގައި ވަނީ މުސްލިމުންނާއި ކްރިސްޓިއަނުންނާއި ދެމެދު ފިތުނަވެރިކަން އުފެދިފައެވެ. އެގޮތުން އެގައުމުގައި އަނެއްކާވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބްލޮކް ކޮށްފައި ވަނީ ލަންކާގެ ބައެއް ހިސާބުތަކުގައި މުސްލިމުންނާ ދެކޮޅު ހަރަކާތްތަކެއް ފެށުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަންކާގައި ކްރިސްޓިއަނުންގެ ގްރޫޕްތަކުން ދަނީ މުސްލިމުންގެ ފިހާރަތަކަށާއި، މިސްކިތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. މުސްލިމުންނާއި ދެކޮޅަށް ހަމަލާތައް ދީފައިވަނީ ލަންކާގައި ރޭގަނޑުގެ ގަޑިތަކުގައި ކާފިޔުވެސް އިއުލާންކޮށްފައި ވަނިކޮށެވެ.

އެގައުމުގައި 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. ކްރިސްޓިއަނުންގެ ނިސްބަތަކީ 7.6 ޕަސެންޓެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

އެހަމަލާތަކުގައި 280 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...