މި ސަރުކާރުން އެއްވެސް މަޝްރޫޢެއް ފަށާފައި ނުވާކަމަށް ރައީސް އޮފީހުން އެއްބަސްވެއްޖެ

މި ސަރުކާރުން އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ޗިފް އޮފް ސްޓާފްސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު އައި ފަހުން ތަރައްޤީ ގެނައުމަށްޓަކައި އެއްވެސް ގަލެއް ފުރޮޅާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރާއްޖޭގެ ނޫހަކަށް ދެއްވި ބަސްދީގަތުމަކާއި ގުޅިގެން އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ ނަމުގައި އެއްވެސް ރޭވުންތެރި ކަމެއް ނެތި ގަލެއް ނުފުރޮޅާލާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ވިސްނުންތެރިކަމާއެކު ޕްލޭން ކުރެވިގެން ދާދި އަވަހަށް މަޝްރޫޢުތައް ހިންގާ މަންޒަރު ފެންނާނެ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރަށް ފަސް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް އެއްވެސް މަޝްރޫޢެއް ފަށްޓަވާފައި ނުވާ ކަން އެ ޓްވީޓުން ދޭހަވެއެވެ. އަދި ރައީސް ސޯލިހު އެމަނިކުފާނުގެ 100 ދުވަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ބައެއް މަޝްރޫޢުތައް ނުފަށާކަންވެސް އެ ޓްވީޓުން ދޭހަވެއެވެ.

މެމްބަރު ޝިޔާމް ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ތަރައްޤީގެ މަޝްރުޢޫތައް ބާރަށް ކުރިއަށް ދިޔައިރު މިއަދު ފެނިގެންދަނީ އެ ހުރިހާ ކަންތައްތަކެއް ހުއްޓިފައިވާތަން ކަމަށެވެ.

މި ސަރުކާރުން އަދި މިހާތަނަށް އެއްވެސް މަޝްރޫޢެއް ފަށާފައިނުވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެފައިވާއިރު ރައީސް ސޯލިހު ގެންދަވަނީ އެމަނިކުފާނުގެ ވަޢުދުތައް ފުއްދާދެވޭ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...