އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވަނިކޮށް ރޮހިންޔާ ރެފިއުޖީންތަކެއް ސަލާމަތްކޮށްފި

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ރޮހިންޔާ ރެފިއުޖީންތަކެއް އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާން އުޅެނިކޮށް ސަލާމަތްކޮށްފިއެވެ.

ބަންގްލަދޭޝް ފުލުހުން ވަނީ މެލޭޝިއާއަށް ފޮނުވާލަން މަސައްކަތް ކުރަމުން އައި ރޮހިންޔާ ދަރިކޮޅުގެ 23 އަންހެން ކުދިން ސަލާމަތްކޮށްފައެވެ. އެކުދިންގެ އުމުރަކީ 15 އަހަރާއި 19 އަހަރާއި ދެމެދު ކަމަށްވެސް އެޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

ކުރިން އެކުދިން ދިރިއުޅެމުން އައީ ބަންގްލަދޭޝްގެ ކޯކްސް ބާޒާރުގައި ރޮހިންޔާ ރެފިއުޖީން ދިރިއުޅެމުން އަންނަ ކޭމްޕްތަކުގައެވެ. އެމައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ވަނީ އަންހެންކުދިންތަކަށް ވަޒީފާ ދޭނެ ކަމަށް ބުނެ މެލޭޝިއާއަށް ގެންދަން މަސައްކަތް ކޮށްފައި ކަމަށާއި އެހެންނަމަވެސް އެކުދިން ލައްވާ ކުރުވަން އުޅުނު ކަމަކީ ހަށި ވިއްކުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެއަންހެން ކުދިން ހޯދީ ފޮރުވާފައި ތިއްބާ ކަމަށްވެސް ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ. ބަންގްލަދޭޝް ފުލުހުން ބުނީ ސަލާމަތް ކުރި ކުދިން މިހާރު އަނބުރާ ރެފިއުޖީ ކޭމްޕަށް ފޮނުވާލާފައިވާ ކަމަށެވެ. 2017 ވަނަ އަހަރުގައި މިޔަންމާ ސިފައިން ރަހައިން ސްޓޭޓްގައި ހިންގި ލާ އިންސާނީ ޖަރީމާތަކާއި ގުޅިގެން ހަތް ލައްކައަށްވުރެ ގިނަ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

ރަނގަޅު މުސްތަގްބަލެއް ހޯދުމުގެ ބޭނުމުގައި ރެފިއުޖީންނަށްވި ގިނަ ޒުވާނުން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރެއިން ގިނަ ކުދިން ވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...