ޖަޒީރާ ރާއްޖެއާއެކު ޖަޒީރާވި ރާއްޖޭގެ ޞިއްޙީ ނިޒާމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް ގިނަ ދާއިރާތަކަކުން ފާހަގަކޮށްލެވޭ ތަރައްޤީ ގެނެސްދެއްވިއެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ޒަމާނީ ޚިދުމަތްތަކާއެކު ފެންވަރު ރަގަޅު ޞިއްޙީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވުމެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ދިވެހި ވެރިކަމަށް ގެނުވި ޖަޒީރާ ވަންތަކަމާއެކު މިއަދު ރާއްޖެގެ ޞިއްހީ ނިޒާމު ވަނީ ޖަޒީރާވެފައި ކަމަށް ގިނަ ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިންނަށް ގެނެސްދެއްވި ތަރައްޤީއަކީ ބޭފުޅެއްގެ ރަން ތިރީސް އަހަރު ވެސް ދިވެހިންނަށް ގެނެސް ނުދެއްވުނު ތަރައްޤީއެކެވެ. ރައީސް ޔާމީން ދިވެހިރާއްޖެ ތަރައްޤީ ކުރައްވަމުން އޭރު ގެންދެވީ މާލެއެކޭ އަތޮޅުތެރެއެކޭ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ. އެމަނިކުފާނު ދިވެހިންނަށް ގެނެސްދެއްވި ތަރައްޤީ ގުނާ އަދަދު ނުވާހާ ގިނައެވެ. އެމަނިކުފާނު ގެނެސްދެއްވި ތަރައްޤީ ފެނި ބައެއްގެ މޭ ކަރައި އެމަނިކުފާނާ މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފައްދަން މަސައްކަތްކޮށް މި ޤައުމުގެ ވެރިކަން މަކަރާ ހީލަތުން ޖަހައި ގަތެވެ.

ވެރިކަމަށް ހަލާލު ނޫން ގޮތެއްގައި ވަޑައިގެންނެވި ކަމަށް ގިނަ ދިވެހި ރައްޔިތުން ސިފަކުރަމުން އަންނަ އިބްރާހިމް މުހައްމަދު ޞޯލިހު ރާއްޖޭގެ ވެރިކަމަށް އައުމާއެކު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއިން ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރަން ފެށި މަންޒަރު ފެނިގެން ދިޔައެވެ. އެގޮތުން އެމްޑީޕީގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިއްދޫއަށް ކުރެއްވި ދަތުރުުޅެއްގައި އެ ރަށުގެ ރައްޔިތުން އެއާޕޯޓެއް އަޅާ ދެއްވަން އެމަނިކުފާނުގެ އަރިހުން އެދުމުން ވިދާޅުވީ، ހެޔޮ ނުވާނެ އޭ އެއާޕޯޓެއްގެ ވާހަކަ ތިމަން މަނިކުފާނު އަރިހު ނުދައްކަވާށޭ، އެމްޑީޕީ ވެރިކަމެއްގައި އޮންނާނީ ޖަޒީރާ ރާއްޖެއެކޭ އަދި ޖަޒީރާ ޜާއްޖޭގައި ދަތުރު ކުރާނީ ފެރީގެ ނިޒާމުން ކަމަށެވެ.

ކޮންމެއަކަސް އަޅުގަނޑު ހިތަށް އެރިއެވެ. ފެނާ ނަރުދަމާގެ ވާހަކަ ރައްޔިތުން ބުނެފި ނަމަ މިސްކިތު ވަޅުން ފެން ގެނެސްގެން ހަޑަސްބުރީގައި ވަޅު ޖަހައިގެން ނޭ ޖަޒީރާ ރާއްޖޭގައި އުޅެންވާނީ ކުރީގެ ރައީސް ނަޝިދު ވިދާޅުވާނެ ތާ އެވެ. ކަންމިހެން އޮތް އިރު ޤައުމެއްގެ ދިރުމާ ތަރައްޤީ ގުޅިފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ދުޅަހެޔޮ ޞިއްހަތާއޭ ބައެއް މުސްކުޅިން ބުނެ އުޅޭތި އަޑުއަހަމުއެވެ. ބޭސްފަރުވާއަށް ދިވެހިން ރާއްޖެ އިން ބޭރަށް ކުރަން ޖެހޭ ދަތުރުތަކަށް ލުޔެއް ގެނެސްދެއްވުމަށް ރައީސް ޔާމީން ކޮށްދެއްވި ގިނަގުނަ މަސައްކަތްތަކަކީ އެއްވެސް ބަޔަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލާ އައްޑޫގައި އަޅާން ފަށާފައިވާ ޓަރޝިއަރީ ހޮސްޕިޓަލަކީވެސް އެކަމުގެ އަލިގަދަ ހެކި ތަކެކެވެ. ނަމަވެސް ރައީސް ޔާމީން ދިވެހިންނަށް ގެނެސްދެއްވި އެ ލުއި ފަސޭހަތަކާއެކުވެސް މި ސަރުކާރުން ވަނީ ޞިއްހީ ނިޒާމާ މެދު އިހުމާލުވެފައެވެ.

އެގޮތުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކުގައި ބަލި މީހުން ބަލަން ޑޮކްޓާރުން ހަމަ ކޮށްލަ ދިނުންވެސް މި ސަރުކާރަށް ވަނީ ބޮޑު ކަމަށް ވެފައެވެ. އެހެންކަމުން އެތަނުން ބަލިމީހާއަށް ދޭނެ ފަރުވާއެއް ނެތިގެން އިތުރު ފަރުވާ ދިނުމަށްޓަކައި އެ ބަލިމީހާ މާލެއަށް ގެންނަން ޖެހެއެވެ. ވެރިކަން ކުރާ ރަށް މާލެގައި ހުރި ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް އެ ބަލިމީހާ ގެނެސް ފަރުވާދޭން ފަށާ ހިސާބުން އަނެއްކާވެސް ދަތިތަކަކާ ކުރިމަތި ލާން ޖެހެއެވެ.

ޑޮކްޓަރުން ލިބުން ދަތިވެގެނެނެވެ. ނުވަތަ ކުރަން ޖެހޭ އޮޕަރޭޝަން ކުރުމަށް ތިއޭޓަރ ނުލިބި ލަސްވުމާ ގުޅިގެންނެވެ. ނުވަތަ ބަލި މީހާ ބާއްވާލާނެ އެނދެއް ހޮސްޕިޓަލުގައި ނެތިގެންނެވެ. ދެން ބަލި މީހާ ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލު ކުރަން ޖެހެއެވެ. އެހާ ހިސާބުން އަނެއްކާވެސް ބަލި މީހާއަށް އިތުރު ތަކުލީފު ތަކަކާ ކުރިމަތި ލާން ޖެހެއެވެ. ދިވެހި ރައްޔިތުންގެ ފައިސާއިން ޓެކްސް ދައްކައިގެން ދޭ ޚިދުމަތް އާސަންދައިގެ ބައެއް އެހާ ހިސާބުން ކެނޑި އެ ޚިދުމަތުގެ އެތައް ގުނައެއް އަމިއްލަ ޖީބުން ޚަރަދުކުރަން ޖެހިގެން ދެއެވެ.

އެހާ ހިސާބުން ރައްޔިތު މީހާގެ ތަކުލީފުތަކަށް ނިމުމެއް އަންނަނީކީ ނޫނެވެ. އެހާ ހިސާބުން އަނެއްކާ ވެސް ރައްޔިތު މީހާ އުފުލަން ޖެހޭ ތަކުލީފު އިތުރުވެގެން ދެއެވެ. އެގޮތުން ޕްރައިވެޓު ހޮސްޕިޓަލުތަކުންވެސް ޖާގަ ހޯދަން އުދަނގުވެ ދެކޮޅަށް ދަމާ ވަލެއްހެން އެނދުމަތިވެފައި އޮތް ބަލި މީހާ ދަމައެވެ. އަދި އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަލި މީހާ ބަދަލުކުރާއިރު އެ ބަދަލުކުރަން ޖެހޭ ލިޔެ ކިޔުންތަކުގެ ވާހަކަ ރަނގަޅު ވާނީ ބޮކި އަލިވާ ހިސާބުގައި ދައްކަން ނުޖެހުނިއްޔާއެވެ. އެއީ ލިޔެ ކިޔުންތައް ހަވާލުކޮށްފައި ފޮނުވާއިރު އަދި އޭގެ ބައިކުޅަ ބައި މަދުވާތީ އެވެ. މިފަދަ ހާލެއްގައި ޞިއްހީ ފަރުވާ ހޯދުމަށް ވުރެ ގޭގައި އޮވެގެން ވާނެ ގޮތެއް ވާން ދޫކޯށްލިޔަސް މާ ރަނގަޅުވާނެ ކަމަށް ގިނަ ބަޔަކު މިހާރު ބުނެއެވެ.

ވާނީ ވެސް އެހެން ނޫންތޯއެވެ. ޖަޒީރާ ރާއްޖޭގައި ޞިއްޙީ ނިޒާމު މިއޮތީ ޖަޒީރާ ވެފައެވެ. ދެން ދާން ޖެހެނީ ކުދިން ވިއްސަން ވެސް ފޫޅުމައި ދައިތަ ބަލައެވެ. ނުވިހާ ގިނައިރު ވެއްޖެއިއްޔާ ކިޔެވެލި ބޭ ހޯދައިގެން މަރިޔަމް މާ ފެންތައްޓަށް ލައިގެން ކިޔަވާ ދަރަޖައަށް މިއަދު އަނެއްކާވެސް ރާއްޖޭގެ ޞިއްޙީ ޙާލަތު މިވަނީ ގޮސްފައެވެ. ޖަޒީރާ އޭ ކިޔައި ދިވެހި ރައްޔިތުން ލޮލުގައި މަކަރުވެރިކަމުގެ އަނދުން އަޅުވާ، ޒަމާނާއެކު ލިބިފައިވާ ތަހުޒީބުވެސް ދިވެހިންގެ އަތުން ބަޔަކު މީހުން ޖަހައިގަނެފިއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...