ފެނަކައިގެ ރީޖަނަލް އޮފީހަކުން ހުރިހާ މުވައްޒަފުން ކަނޑާލިއިރު އެމްޑީޕީ ދެ މުވައްޒަފުން އިސްތިސްނާކޮށްފި

ފެނަކައިގެ ބައެއް އިސްވެރިން. ފޮޓޯ:ވަގުތު

ހއ އަތޮޅު ފެނަކަ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކުރި އެ އޮފީހުގައި މަސައްކަތް ކުރާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ދެ މުވައްޒަފަކު އިސްތިސްނާކޮށްފައިވާ ކަމަށް އޮންލައިން މީޑިޔާއެއްގައި ބުނެފިއެވެ.

ރާއްޖޭގައި ހިނގާ އޮންލައިން ނޫހެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެން ހއ.އަތޮޅު ފެނަކަ ރީޖަނަލް އޮފީހުގެ މެނޭޖަރަކަށް ހުންނެވި ބޭފުޅާ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވަޒީފާ އިން ވަކިކޮށް، ހަމަ އެ މަހު އިތުރު ދެ މުވައްޒަފަކު ހޯދަން އިއުލާން ކުރި ކަމަށެވެ. އަދި އިއުލާން ކުރި ދެ ވަޒީފާގެ ތެރެއިން ރީޖަނަލް އޮފީހުގެ މެނޭޖަރުކަން ދެއްވީ ދިއްދޫ ދާއިރާގެ އެމްޑީޕީ ނައިބު ރައީސަށް ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. މީގެ އިތުރުން ރީޖަނަލް އޮފީސް އުވާލުމަށް ނިންމުމާއެކު އަލަށް ވަޒީފާ ދިން އެމްޑީޕީގެ ދެ މެންބަރުން ދިއްދޫ ފެނަކަ އޮފީހަށް ބަދަލު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް ދިއްދޫ އޮފީހަށް ބަދަލު ކުރި ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން މިހާރު ވަޒީފާ އިން ވަކިކޮށްފައިވާއިރު މި ސަރުކާރުން ވަޒީފާ ދިން އެމްޑީޕީގެ ދެ މެންބަރުން ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށްވެސް އެ ނޫހުގައިވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދާލުމަށް ޗެނެލް 13އިން ކުރި މަސައްކަތުގައި ފެނަކަ އެމްޑީ އަހުމަދު ސައީދު މުހައްމަދަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވުމާ ގުޅިގެން އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ރައީސް ޞޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށާ ސިޔާސީ މަޤުޞަދަކަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރައްވާނެ ކަމުގެ ވައުދު އެތައް ފަހަރަކު ތަކުރާރު ކުރެއްވުމަށް ފަހުއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަސް ވެސް ނުވާނީސް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެށިއެވެ.

މިދިޔަ ސަރުކާރުގެ ޒައާމަތުގައި ރައީސް ޔާމީން ވަނީ ނުވަދިހަ ހަ ހާހަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފައްދަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...