ދިރާގު ޕޭގެ ޚިދުމަތް މާރުކޭޓުގެ ގޮޅިތަކަށް ތަޢާރަފުކޮށްފި

ދިރާގުގެ އެޑްވަޓައިސިން އެންޑް އިވެންޓްސްގެ އެސިސްޓެންޓް މެނޭޖަރ ޙަސަން ޝާރިހް އާދަމް. ފޮޓޯ:ވަގުތު

ދިރާގުން ތަޢާރަފްކޮށްފައިވާ "ދިރާގު ޕޭ" ގެ ޚިދުމަތް ލޯކަލް މާރުކޭޓުގެ ގޮޅިތަކުން ލިބޭނެ އިންތިޒާމު އެ ކުންފުނިން ތަޢާރަފުކޮށްފިއެވެ.

ދިރާގު ޕޭގެ ޚިދުމަތް މާރުކޭޓަށް ތަޢާރަފް ކުރުމަށް ދިރާގުންވަނީ ޚާއްޞަ ހަފްލާއެއް މާރުކޭޓު ސަރަހައްދުގައި ބާއްވާފައެވެ. އެ ޚިދުމަތް ތަޢާރަފް ކުރުމުގެ ގޮތުން، ލޯކަލް މާރުކޭޓޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ އެޑްވަޓައިސިން އެންޑް އިވެންޓްސްގެ އެސިސްޓެންޓް މެނޭޖަރ ޙަސަން ޝާރިހް އާދަމް ވިދާޅުވީ، މީގެ ފަހުން، ލޯކަލް މާރުކޭޓަށް ތަކެތި ގަންނަން ދުރުވާއިރު ފައިސާ ޖީބަށް ލައިގެން ގެންނަން ނުޖެހޭނެ ކަމަށާއި، މޯބައިލް ފޯން މެދުވެރިކޮށް ފަސޭހަކަމާއެކު ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ ކަމަށެވެ. އަދި ޑިޖިޓަލް ރާއްޖެއެއް ޤާއިމުކުރަން ދިރާގުން ކުރަމުންދާ މަސައްކަތުގައި ލޯކަލް މާރުކޭޓު ވެސް މިހާރު ޑިޖިޓަލްވީ ކަމަށް ޝާރިހު ވިދާޅުވިއެވެ.

ލޯކަލް މާރުކޭޓުގައި ދިރާގު ޕޭގެ ހިދުމަތް ގާއިމްކުރީ ޕްރޮމޯޝަނަކާއެކު މާރުކޭޓްގެ އެއް ގޮޅީގައެވެ. މީގެ އިތުރުން އަމީނީ މަގުގައި ހުންނަ ގާކޮށި މާރުކޭޓުންވެސް ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ ކަމަށް ދިރާގުންވަނީ ބުނެފައެވެ. މާރުކޭޓް ގޮޅިއާއި ގާކޮށީ މާރުކޭޓުން ދިރާގު ޕޭއަށް ހާއްސަކޮށްފައިވާ ފިހާރައިން 150 ރުފިޔާއަށް ވުރެ މަތީ ވިޔަފާރިއެއް ކުރާ ފަރާތްތަކަށް ކަރާ ކިލޯއެއް ހިލޭ ލިބޭނެ ކަމަށްވެސް ދިރާގުން މައުލޫމާތުދެއެވެ. ދިރާގު ޕޭ ގެ ޚިދުމަތް މާރުކޭޓަށް ތަޢާރަފްކުރި އިރު، މި ވަގުތު އެ ޚިދުމަތް ލިބެމުންދަނީ އެންމެ ގޮޅިއަކުންނެވެ. ނަމަވެސް އެ ޚިދުމަތް ލިބޭނެ ގިނަ ގޮޅިތަކެއް ކުރިއަށް އޮތް ތަނުގައި ހަމަޖައްސަވާނެ ކަމަށާއި، ރޯދަ މަހުގެ ފަހުންވެސް މި ޚިދުމަތް ލިބޭނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއްވިއެވެ.

ދިރާގު ޕޭ އަކީ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓް ބޭނުންކޮށްގެން ދުވަހުން ދުވަހަށް ކުރަންޖެހޭ ކުދި ކުދި ވިޔަފާރި ކޮށްލެވޭއިރު އެ ޚިދުމަތަކީ ރައްކާތެރިކަމާއެކު ތަކެތި ގަނެ، ފައިސާ ރައްކާ ކުރެވޭ ނިޒާމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...