އޭޖީއިން ދިބާޖާ އަތުން ރިޝްވަތައް އެދުނު: އަލްހާން

އެޓާނީ ޖެނެރަލްއާއި ރައީސް އޮފީހުގެ ލީގަލް ޑިރެކްޓަރ ގުޅިގެން ދީބާޖާ ކުންފުނިން ރިޝްވަތައް އެދިފައިވާކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ ޖޭޕީއަށް ނިސްބަތްވާ އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަދި އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރައީސް އޮފީހުގެ ލީގަލް ޑިރެކްޓަރ އަހުމަދު އަބްދުﷲ އަފީފް ގުޅިގެން ދީބާޖާ ކުންފުނިން 2 މިލިއަން ޑޮލަރު ދިނުމަށް އެދިފައިވާކަމަށެވެ. އަދި ރިޝްވަތު ދިނުމަށް އެދިފައިވާކަމުގެ ހެކިތައްވެސް އެބަހުރި ކަމަށް އަލްހާން ވަނީ ވިދާޅުވެފައި. އަލްހާން އެހެން ވިދާޅުވެ ކުރެއްވި ޓްވީޓުގައި ވަނީ އޭޖީ އޮފީހުން ދީބާޖާ ކުންފުންޏަށް ފޮނުވާފައިވާ ސިޓީއެއްވެސް ހިމަނާފައެވެ.

އެގޮތުން އެ ސިޓީގައި އޭޖީ އޮފީހުން ބުނެފައިވަނީ ދީބާޖާ ކުންފުނިން އިކޮނޮމިކް މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދައުލަތުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގެ ޖަވާބު ތައްޔާރު ކުރުމަށް އެ އޮފީހުން އެ މައްސަލަ މުރާޖައާ ކުރަމުން ދިޔައިރު ކޯޓުން ބޭރުގައި އެ މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އޮތްތޯ ބަލައި، އެ ކުންފުންޏާއެކު ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމުގެ ފުރުސަތަކަށް އެދޭކަމަށެވެ.

އޭޖީ އޮފީހުން ދީބާޖާ ކުންފުނިން ރިޝްވަތަށް އެދިފައިވާކަމަށް އަލްހާން ވިދާޅުވެފައިވާއިރު، އެކަމާއި ގުޅިގެން މިހާތަނަށް އޭޖީ ރިފްއަތު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...