ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން 600 މީހުން އެގައުމުން ބޭރުކޮށްފި

ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު 600 އަށް ވުރެ ގިނަ ބިދޭސީން އެގައުމުން ފޮނުވާލާފައިވާ ކަމަށް، ލަންކާ ސަރުކާރުން ބުނެފިއެވެ.

ލަންކާގެ ހޯމް މިނިސްޓްރީއިން ބުނީ އެޤައުމުން ބޭރު ކުރި މީހުންގެ ތެރޭގައި 200 އަށް ވުރެ ގިނަ ދީނީ މީހުން ހިމެނޭ ކަމަށެވެ. އަދި ދީނީ އިލްމުވެރިންގެ ނަމުގައި އެ މީހުން ލަންކާ އަށް އެތެރެވެފައި ވަނީ ގަވާއިދާޚިލާފަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެމީހުން ލަންކާގައި އުޅެފައި ވަނީ ވެސް ވިސާގެ މުއްދަތަށް ވުރެ އިތުރަށް ކަމަށް ލަންކާގެ ހޯމް މިނިސްޓްރީއިން ހާމަކުރެއެވެ. ލަންކާ އިން ބޭރުކޮށްފައިވަނީ ކޮން ގައުމުތަކެއްގެ މީހުން ކަމެއް އެގައުމުގެ ހޯމް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް ފުލުހުން ބުނީ ވިސާގެ މުއްދަތަށް ވުރެ އިތުރަށް ލަންކާގައި އުޅުނު މީހުންގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން މީހުން ހިމެނޭ ކަމަށެވެ. ސްރީލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކުގައި 280 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. އެހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...