"ވައުދާއި ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެއޭ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިޚާބު ކުރިއިރު އެމަނިކުފާނު ވަނީ ރައްޔިތުންނަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންފައެވެ.

އެގޮތުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، ވެރިކަމަށް ހަމަސް ދުވަސްވާން ކައިރިވެފައިވާއިރުވެސް އެވައުދުފުޅުތަކުގެ ތެރެއިން އެތައް ވައުދެއް ވަނީ ނުފުއްދިއެވެ.

ސިއްހީ ދާއިރާއެއްގެ ކުރިއެރުމަކީ ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގެކެވެ. ދުޅަހެޔޮ މުޖްތަމައުއަކަށްޓަކައި ސިއްހީ ދާއިރާއިން ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާން ޖެހެއެވެ. އަޑިއަޅާލާފައި އޮތް ސިއްހީ ނިޒާމް ނަގާ ކޮޅަށް ޖަހައި، ދިވެހިންނަށް ބޭސް ފަރުވާ ހޯދުމުގައި އެތައް ގޮތަކުން ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް އެކި ސަރުކާރުތަކުން އެކި މިންވަރަށް އަބަދުވެސް މަސައްކަތްކޮށްފައިވެއެވެ.

އެހެންނަމަވެސް، ރައްޔިތުންނަށް އެކަމުގައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ވެރިރަށް މާލޭގައި ގާއިމުކޮށްފައިވާ 25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލް އެކަމަށް ހެކިވާނެއެވެ. އެހޮސްޕިޓަލް ހުޅުވައި، ޚިދުމަތް ދެވޭނެ ތާރީހެއް މި ސަރުކާރަށް ނޭނގުނަސް، އެ އިމާރާތުން ހިދުމަތް ހޯދަން ކެތްމަދުވެފައި ތިބި ދިވެހިންނެއް މަދެއް ނޫނެވެ.

ދައްކަން މިއުޅެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ވާހަކައެއް ނޫން. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިއްހީ ދާއިރާއިން ގެންނަމުން އައި އެދެވޭ ބަދަލުތައް މިއަދު ކުއްލިއަކަށް ހުއްޓިފައިވާ ވާހަކައެވެ. "ޔާނު ސްޕީޑް"ގެ ތަރައްގީ މިއަދު ސިއްހީ ދާއިރާއިން ނުފެންނާތީ ރައްޔިތުން ކަންބޮޑުވާ ވާހަކައެވެ. ހަމަ ގައިމުވެސް ގުޅިފައިވާ ޕާޓީތަކަށް ވެރިކަމުގެ ތަހުތުން ރައްޔިތުން ޖާގަ ދިނީ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައި އޮތީތީއެވެ.

އޭގެ ތެރެއިން ބައެއް ވައުދުތައް ހިއްސާކޮށްލާނަމެވެ. ފްލޫ ސީޒަނަށް ތައްޔާރުވެ ވަގުތު އޮއްވާ ފްލޫ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން އެއީވެސް ވައުދެކެވެ. އެހެންނަމަވެސް ފެނިގެން މިދަނީ ޑެންގީ ހުމާއި، ޗިކުންގުންޔާއާއި، ފްލޫ ރެކޯޑް މިންވަރަކަށް ފެތުރިގެން ދިޔައިރުވެސް، އިންޑިއާ ސިފައިން އެތެރެ ކުރި ވަރަށްވެސް ވެކްސިން އެތެރެ ނުކުރެވި އެކަމަށް ތައްޔާރު ނުވެވުނު މަންޒަރެވެ. ޑެންގޫ ހުން ފަދަ އާއްމުކޮށް ފެތުރޭ ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި މުޅިރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަކީވެސް ކޯލިޝަން ސަރުކާރަށް ނުުފުއްދުނު ވައުދެކެވެ.

މިއީ އަދި އެންމެ އާދައިގެ ވައުދުތަކެވެ. އެ ވައުދުތައް ލިޔުނު ކަރުދާހުގައި އޮތް ގޮތަށް އޮއްވާ ރާއްޖޭގެ 3 ސަރަހައްދުގައި ސްޕެޝަލައިޒްޑް ހޮސްޕިޓަލްތައް ޤާއިމްކުރުމަށް ވީ ވައުދު ފުއްދިދާނެބާ؟ ރާއްޖޭގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއްވިޔުގަ އަކުން ގުޅާލެވި، ހުރިހާ ލެބޯޓަރީތަކެއް ޑިޖިޓައިޒް ކުރުމަށް ވީ ވައުދު ފުއްދޭނެބާ؟ ބަލާނެ މީހުން ނެތް ދުވަސްވީ މީހުންނާއި ބަލިހާލަތާއި ގުޅިގެން އެނދުމަތިކޮށްގެން ބަލަންޖެހޭ މީހުން އޯގާތެރިކަމާއެކު ބެލެހެއްޓޭނެ ހާއްސަ މަރުކަޒުތަކެއް ޤާއިމްކުރުމަށް ވީ ވައުދު ފުއްދޭނެބާ؟

މީ އަޅުގަނޑުގެ ހިތުގައި އެކަނި އުފެދޭ ސުވާލުތަކެއް ނޫނެވެ. މިއީ ރައީސް ސޯލިހުއަށް ވޯޓު ދިން އެތައް ހާސް ރައްޔިތުންގެ ހިތްތަކުގައި މިއަދު އުފެދިފައިވާ ސުވާލުތަކެވެ.

ސިއްހީ ދާއިރާއިން ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން ފުއްދަވާދެއްވި ވައުދެއްވެސް އެބައޮތެވެ. އެވާހަކަވެސް ފާހަގަކޮށްލާނަމެވެ. އެއީ ރާއްޖޭގައި ވެޓެނަރީ ސަރވިސް ފޯރުކޮށްދިނުމުގެ ވައުދެވެ. އެވައުދު ފުއްދުމަށް ޖެނުއަރީމަހުގައި ވިލިމާލޭގައި ވަނީ ވެޓެރިނަރީ ސަރވިސް ސެންޓަރެއް ހުޅުވައިދެއްވާފައެވެ.

އެހެންނަމަވެސް ފެބްރުއަރީމަހު ވަގުތީ ގޮތުން އެތަން ބަންދު ކުރި ގޮތަށް އަދިވެސް ހުރީ ބަންދު ކޮށްފައެވެ. މި ދަންނަވާލީ ފުއްދެވި ވައުދަށް ވީގޮތުގެ ވާހަކައެވެ.

ރައީސް ސޯލިހުގެ ސަރުކާރު ހިންގަނީ ވަކަރު ދޯންޏެއްގައި "ޓޫޓީ އިންޖީނެއް" އަޅައިގެން ހިންގާ ގޮތަށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެސަބަބާ ހުރެ ކަމަށްވެސް ވެދާނެއެވެ. ވައުދުތައް ނުފުއްދި ގިނަ ދުވަސްވެގެންގޮސް ރައްޔިތުންގެ ހިތްތަކުގައި މިއަދު ވަނީ "ވައުދާ ހުވާ ކުރާނެއޭ، އެހަނދާން ނެތޭނެއޭ" އެލަވަ ގުގުމާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...