ތިހުރީ ފޯނަށް ދެވި ހިފާފަތަ؟

އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ފޯނު ދެކެ ވަަރަށް ލޯބިވާ މީހެކެވެ. އެކަމާ ދެބަސްވާކަށް ނެތީމެވެ. ގިނަ މީހުންނަކީ ފާހާނާއަށް ވަންނައިރުވެސް ފޯނު ހިފައިގެން ވަންނަ މީހުންނެވެ.

ފޯނަކީ ހަށިގަނޑުގެ މުހިންމު ގުނަވަނެކޭ ހީވާފަދައެވެ. ބައެއް ފަހަރު ފޯނަކީ އެކަނިވެރިންގެ ބައިވެރިއަކަށްވެސް ވެއެވެ. އެކަނި ދަތުރު ކުރާނަމަ، ފޯނުގެ މުހިންމުކަން ވަކިން ބޮޑެވެ.

ފޯނުގެ ބެޓެރި ހުސްވާން ކައިރިވެފައިވާނަމަ، އެކަމާ ހިތްނުތަނަސްވެ އަވަހަށް ފޯނު ޗާޖު ކުރަން ބޭނުން ވޭދޯއެވެ؟ ފޯނު ނިވިއްޖެ ނަމަ އަދި ވަކިން ބޮޑަށް އަސަރު ކުރޭދޯއެވެ؟ ޤަބޫލު ކުރަން ދަތިވިޔަސް، ސްމާޓް ފޯންތައް މަޑުމަޑުން މިވަނީ އަހަރުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެކައްޗަށް ބަދަލުވާން ފަށާފައެވެ. ބައެއް މީހުން ތިބެނީ ފޯނަށް ދެވި ހިފާފައޭ ބުނުމަކީވެސް ގޯހަކަށް ނުވާނެއެވެ.

ތިރީގައި މިވާ ސުވާލުތަކަށް "އާނ" ނުވަތަ "ނޫން" ބުނާށެވެ. ސުވާލުގެ ޖަވާބުތަކުން ތިހުރީ ފޯނަށް ދެވި ހިފާފައިކަން ނުވަތަ ނޫންކަން އެނގޭނެއެވެ.

ފޯނާއި ކުޅެން ހުއްޓާ އާއިލާ މެމްބަރަކު އެއްޗެއް އެހުމުން އެކަމަށް ސަމާލުކަން ދޭން އުނދަގޫ ހެއްޔެވެ؟ އޭނާ ތިބާއާއި ކުރި ސުވާލު ތަކުރާރު ކުރަން ޖެހޭހެއްޔެވެ؟

ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ ކުރެވޭ ކަމަކީ ފޯނު ޗެކު ކުރުން ހެއްޔެވެ؟

މަގުމަތީގައި ހިނގަމުން ޓެކްސްޓް ކުރަން ހެއްޔެވެ؟

މި ލިޔުން ތިޔަ ކިޔަނީ ފޯނުން ހެއްޔެވެ؟

ނިދާއިރު ފޯނު ބާއްވަނީ ކައިރީގައިހެއްޔެވެ؟

ނޯޓިފިކޭޝަނެއް އާދޭތޯ ކޮންމެ ފަސް މިނެޓަކުން ފޯނު ޗެކު ކޮށްލެވޭހެއްޔެވެ؟

ކޮންމެ ތާކަށް ދާއިރުވެސް ފޯނުގެ ޗާޖަރު ގެންދަންހެއްޔެވެ؟

ރައްޓެހިންނާއި އާއިލާގެ ގާތް މީހުންނާއެކު ބޭރުގައި އުޅޭއިރު ޗެޓު ކުރަން ހެއްޔެވެ؟

ގިނަ ގިނައިން ކާއެއްޗެހީގެ ފޮޓޯ ނަގާފައި ސޯޝަލް މީޑިއާއަށް ލަންހެއްޔެވެ؟

މަތީގައިވާ ސުވާލުތަކުގެ ތެރެއިން ގިނަ ސުވާލުތަކުގެ ޖަވާބަކީ އާނއެކޭނަމަ، ތިހުރީ ފޯނަށް ދެވި ހިފާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...