ހާރުކާން އެންމެ ރަނގަޅީ ކޯޗެއް؟

ރޯދަ މަހުގެ ދުވާލުގެ ވަގުތު ތަކުގައި އެއްވެސް އެއްޗެއް ނުކައި އުޅެން ޖެހުމުން ކޮންމެ މީހަކުވެސް ބަނޑުހައިކަން އިހްސާސް ކުރާނެއެވެ. ބައެއް ފަހަރު ހާރުދަމުގައި ކެވޭ އެއްޗެއްގެ ގޮތުން އިތުރަށް ވަރުބަލި ވެއެވެ.

ނުވަތަ މާ މަދުން ކެއުމުގެ ސަބަބުންވެސް އެހެން ދިމާވެދާނެއެވެ. ރޯދަ ވީއްލުމަށްފަހު ގިނައިން ކެޔަސް، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުބޮއެފިނަމަ ދުވާލުގެ ވަގުތުތަކުގައި ވަރަށް ބޮޑަށް ކަރު ހިއްކައި، މީހާ ވަރުބަލިވާނެއެވެ. އެހެންކަމުން، ހާރުކާއިރުގައި ކެއުމަށް ގެންނަ ބަދަލަކުން ދުވާލު އިހްސާސް ކުރަންޖެހޭ ވަރުބަލިކަން ކުޑަ ކުރެވިދާނެއެވެ.

ތުރުކީގެ އިސްތަންބުލްގެ ޔުނިވަރސިޓީއެއްގެ ޑައިޓީޝަނަކު ބުނީ، ރޯދަ ވިއްލުމަށްފަހު، ހާރު ކެއުމުގެ ކުރިން، ކުޑަ ކުޑަކޮށް ދެފަހަރު ކޮންމެވެސް ވަރަކަށް ކެއުން ރަނގަޅު ކަމަށެވެ. ހާރު ކާ ގަޑީގައި ގިނައިން ކެއުމަކީ ދުވާލު ގައިގައި ވަރުޖައްސާދޭނެ ކަމެއް ކަމަށް ހީވުމަކީ ކުށްހީއެއް ކަމަށް އޭނާ ބުންޏެވެ.

" ހާރު ކާގަޑީގައި ގިނައިން ކެއުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ގިނަ މީހުންނަށް އޮންނަނީ ހީވެފައި. އެއީ ގޯހެއް. އެންމެ ރަނގަޅީ ހާރު ކާ ގަޑީގައި ކާއެއްޗަކީ ހަކަތަ ލިއްބައިދޭ ކާނާއަށް ހެދުން. ކޮންމެހެން ގިނައިން ކާކަށް ނުޖެހޭ" އޭނާ ބުންޏެވެ.

ކެއުމުގެ ތެރެއިން އެންމެ މުހިންމު ވަނީ ހެނދުނުގެ ނާސްތާއެވެ. ހާރު ކާގަޑިއަކީ އެ ނާސްތާ ކަމުގައި ބަލައިގެން ކެއުމަކީ އެދެވިގެންވާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ކޮންމެހެންވެސް ހާރު ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ވީހާވެސް ފަސްކޮށްފައި ހާރު ކެއުމަށް ކީރިތި ރަސޫލާވެސް ވަނީ ބާރު އަޅުއްވާފައެވެ.

ހާރުކާއިރު ސަމާލުކަން ދޭންޖެހޭ އެއް ކަމަކީ ފަސޭހައިން ހަޖަމު ކުރެވޭ ކާނާ ކެއުމެވެ. އެގޮތުން ކިރާއި، ބިހާއި، ކިއުކަމްބާ، ޓޮމާޓޯ، ނަޓްސް، ހޯލް މީޓް ބްރެޑަކީ ހާރު ކެއުމަށް އެންމެ އެކަށީގެންވާ ކެއުމުގެ ބާވަތްތަކެވެ. މާބޮޑަށް ފޮނި އެއްޗެހި ކާހިތްވާނަމަ، ކަދުރުކޮޅެއް ކެވިދާނެއެވެ.

އަދި ދުވާލުގެ ވަގުތުތަކުގައި ކަރުހިއްކުމުން ސަލާމަތްވުމަށްޓަކައި ތެލުލި އެއްޗެހި ކެއުމުން ދުރުވުމަކީވެސް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...