ވިހެއުމަށްފަހު އާއްމު ކުރި ފުރަތަމަ ފޮޓޯތަކުން މެގަންއަށް އެތައް ބައެއްގެ ތައުރީފު

ޕްރިންސް ހެރީއާއި އަންހެނުން މެގަން މާކެލްއަށް ދަރިއަކު ލިބުނީ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ. ޝާހީ އާއިލާގެ އާދަ ކާދައިގެ މަތިން ވިހެއުމަށްފަހު ދަރިފުޅާއެކު ނަގާފައިވާ ރަސްމީ ފޮޓޯ، އެދެމަފިރިން އިއްޔެ ވަނީ އާއްމުކޮށްފައެވެ.

ފޮޓޯތައް އާއްމު ކުރުމާއެކު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެފޮޓޯތަކަށް ތައުރީފު ކުރަމުންނެވެ. ހެރީއާއި މެގަން ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތައް ޝާހީ އާއިލާގެ އެހެން މެންބަރުން ދަރިންނާއެކު ނަގާ ފުރަތަމަ ރަސްމީ ފޮޓޯތަކާއި އަޅާ ކިޔާއިރު ވަރަށްވެސް ތަފާތެވެ.

ޝާހީ އާއިލާގެ ސަގާފަތަށް ބަލާއިރު، ފުރަތަމަ ރަސްމީ ފޮޓޯގައި ދަރިފުޅު އުރައިގެން ހުންނަނީ މަންމައެވެ. ލޭޑީ ޑަޔާނާ އަދި ކޭޓް މިޑްލްޓަންވެސް އަމަލު ކުރީ އެގޮތަށެވެ. އެހެންނަމަވެސް އަލަތު ދަރިފުޅު އާޗީ ހެރިސަންއާއި އެކީގައި ފޮޓޯ ނެގިއިރު، ހެރީ ހުރީ އޭނާ އުރައިގެންނެވެ. މެގަން ހުރީ ކައިރީގައެވެ.

ހެރީއާއި މެގަންގެ އެންމެ ފުރަތަމަ އާއިލީ ފޮޓޯތައް އާންމު ކުރުމުން އެންމެ ގިނަ ބައެއްގެ ސަމާލުކަން މެގަންއަށް ލިބިގެންދިޔައީ ވިހެއުމަށްފަހު އިންނަ ބަނޑު ފޮރުވަން އޭނާ މަސައްކަތް ކޮށްފައި ނުވާތީއެވެ. އެގޮތުން ވިހެއުމަށްފަހު ޕަބްލިކަށް އެންމެ ފުރަތަމަ ބުދަ ދުވަހު މެގަން ފެނުނުއިރު އޭނާ ލައިގެން ހުރީ ބަންދެއްލާފައި ހުރި ހެދުމެކެވެ.

އެ ހެދުން ލައިގެން ހުންނައިރު މެގަން ހީވަނީ އަދިވެސް ބަނޑުބޮޑުހެން ކަމަށް ގިނަ މީހުން ބުނެއެވެ.

އަދި އެގޮތަށް މެގަން ފަދަ ޝާހީ އާއިލާއެއްގެ މެމްބަރަކު ހެދުން އެޅުމުން، އަލަށް ވިހާ އަންހެނުންނަށް އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއިމެދު ލަދުވެތިވާން ނުޖެހޭކަން ދަސްކޮސްދޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މެގަންއަށް ތައުރީފު ކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...