ޗިކުންގުންޔާ އާއި ޑެންގީ ކޭސްތައް އަނެއްކާވެސް އިތުރުވެއްޖެ

ޗިކުންގުންޔާ އާއި ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން އަނެއްކާވެސް ދައްކައިފިއެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު އެ ދެ ބަލިވެސް ވަނީ ރާއްޖޭގައި އިތުރުވެގެން ގޮސްފަ. ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ އަދަދު ވޭތުވެ ދިޔަ ތިން އަހަރުގެ މިދުވަސް ވަރާ އަޅާ ބަލާއިރުވެސް މިއަހަރު ގިނަ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ. އެގޮތުން އޭޕްރީލް މަހު އެކަނިވެސް ފައްސަތޭކަ ހަ ޑެންގީ ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

ޑެންގީ ހުން ޖެހިގެން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ރިޕޯޓުކުރި އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު ފައްސަތޭކަ އަށާރަ ކޭސް ރިޕޯޓުކޮށްފައިވާއިރު ފެބުރުއަރީ މަހު ހަތަރު ސަތޭކަ ބާވީސް ކޭސް، އަދި މާޗު މަހު ހަތަރު ސަތޭކަ ފަސް ދޮޅަސް ހަ ކޭސް ރިޕޯޓުކޮށްފައިވޭ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މަހުން މަހަށް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެ ބަލި އެންމެ ގިނަ އަތޮޅުތަކުގެ ތެރޭގައި ހދ، ރ، އަދި އއ އަތޮޅާއި ލ އަތޮޅު ހިމެނެއެވެ. އޭގެ އިތުރުން މާލެ ސަރަހައްދުން ހުޅުމާލެ މާލެ ވިލިމާލޭގައިވެސް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ގިނަ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ ލ އަތޮޅުންނެވެ. އެއީ އަށްޑިހަ ހަ ކޭސްއެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް އައި އިރު އަށް ސަތޭކަ ތިރީސް ނުވަ މީހަކަށް ޗިކުންގުންޏާ ޖެހިގެން ރިޕޯޓްކޮށްފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ. އަދި އެއީ ވޭތުވެ ދިޔަ އަހަރުގެ މިދުވަސްވަރާ ބަލާއިރުވެސް އިތުރު އަދަދެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ރިޕޯޓުކުރި އަދަދަށް ބަލާއިރު ޖެނުއަރީ މަހު ޗިކުންގުންޔާގެ ހަތްދިހަ ހަތަރު ކޭސް ރިޕޯޓުކޮށްފައިވާއިރު، ފެބުރުއަރީ މަހު ޗިކުންގުންޔާގެ ސަތޭކަ ހަތްދިހަ ނުވަ ކޭސް އަދި މާޗު މަހު ޗިކުންގުންޔާ ޖެހިގެން ދުއި ސައްތަ ހަތްދިހަ ނުވަ ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ ތިން އަހަރު ދުވަހުގެ މި މުއްދަތާ އަޅާ ބަލާއިރު މި ދެބަލީގެ އަދަދު އިތުރުވެފައިވާއިރު، ރައްޔިތުންގެ ރައްކާތެރިކަމާއި ޞިއްހަތަށް މި ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ގިނަ ބަޔަކު ބުނަމުން ދާކަން ފާހަގަކޮށްލެވެއެވެ. އަދި މި ސަރުކާރުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ޞިއްޙީ ނިޒާމު އޮތީ ބޮޑުތަނުން ފެއިލް ވެފައި ކަމަށްވެސް ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...