ރަމަޟާންމަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާ!

މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. 1440 ވަނަ އަަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފައިވާިއިރު، މި މާތް މައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅަން ޖެހެއެވެ. 

ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް މުސްލިމުންނާއި ބައްދަލު ކުރާ އެންމެ މާތް މަހެވެ. މިމަހުގައި ކުރާ ކޮންމެ ހެޔޮ ކަމެއްގެ ސަވާބު ދެގުނަ އިތުރު ކުރައްވާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ރަސޫލާގެ ހަދީޘްފުޅެއްގެ މާނައިގައިވޭ، "އާދަމުގެ ދަރިޔާ ކުރާ ކޮންމެ އަމަލެއް ލިބިގެންވަނީ އޭނާއަށެވެ. ކޮންމެ ހެޔޮ ޢަމަލެއް އޭގެ ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައާއި ހަމަޔަށް އިތުރުވެއެވެ. ﷲ ވަހީކުރެއްވިއެވެ. ރޯދަފިޔަވައެވެ. ފަހެ ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ.

އަދި އެއަށް ޖަޒާ ދެއްވާހުށީ ތިމަން ރަސްކަލާނގެއެވެ." މާނައަކީ ރޯދައަށް ސަވާލު ލިބޭ މިންވަރު އިތުރުކަމުން ސަވާބު ލިބޭނެ މިންވަރުވެސް ނޭނގެއެވެ. އެހެންކަމުން ރޯދަ މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ، ހެޔޮ އަމަލުތައް އިތުރު ކުރުމަކީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. ރޯދަ ކުރު ކުރުމުގެ ނަމުގައި ކުޅިވަރާއި މަޖަލުގައި ވަގުތުތައް ބޭކާރު ކުރުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.

ރޯދައިގެ ފައިދާ ނުހޯދި އެމީހަކަށް ރޯދަ މަހެއް ގެއްލިއްޖެ ނަމަ، އެއީ އެމީހަކަށް ލިބޭ ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށް ދީނުގައި ވަނީ އަންގަވާފައެވެ. އަޅުގަނޑުމެންގެ މި ކުޑަ މުޖްތަމައަށް ބަލާލާއިރު، އެހެން މަސްތަކާއި ހިލާފަށް ރޯދަމަހުގައި، ކުޅިވަރާއި މަޖަލުގައި މަޝްއޫލުވާ މިންވަރު އިތުރުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. ރޯދަ މަހުގެ ހަގީގީ މަގްސަދު އަޅުގަނޑުމެން ހަނދާން ނެތިފައި ތިބޭ ފަދައެވެ.

ރޯދަ މަހުގައި ހަމައެކަނި އެއްވެސް އެއްޗެއް ނުކައި ހުރުމުން ރޯދަ ފުރިހަމަ ނުވާނެކަން ގަބޫލްކޮށް، ރޯދައިގެ އިތުރުން އަދާ ކުރަން ޖެހޭ ވާޖިބްތައް ފުރިހަމައަށް އަދާ ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން ދީނުގެ ތަނބުކަމުގައިވާ ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމަކީ އެންމެ މުހިއްމު އެއްކަންތައް. ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ޝަރްޢު ކުރައްވާފައިވަނީ ވަރަށް މަތިވެރި ޙިކްމަތްތަކެއްގެ މައްޗަށެވެ. ބައެއް ފަހަރު އިންސާނުންގެ ކޮށި ސިކުނޑިތަކަށް އެކަން ނުވިސްނުނު ކަމުގައިވީނަމަވެސް، އޭގެ ތެރެއިން ބައެއް ޙިކްމަތްތައް އަޅުގަޑުމެންނަށް އެނގެއެވެ.

ރޯދަ ފަރްޟު ކުރެއްވި ޙިކްމަތް ބަޔާން ކުރައްވާ ސޫރަތުލް ބަގަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވޭ. "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަގްވާ ވެރި ވުމަށްޓަކައެވެ".

އެހެންކަމުން، ރޯދަ އަކީ ﷲ އަށް ތަގްވާވެރި ވުމަށް އޮތް މަގެއް. ތަގްވާވެރި ވުމަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ އަދި ނަހީ ކުރެއްވި ކަންތަކުން ދުރުހެލިވުމެވެ.

ރޯދަ ފަރްޟު ކުރެއްވުމުގެ ބައެއް ޙިކްމަތްތައް ބަޔާން ކުރައްވާ ޢިލްމުވެރިން ވިދާޅުވެފައިވަނީ، ރޯދަ އަކީ ނިޢްމަތަށް ޝުކުރުވެރިވުމަށް މަގު ދައްކައިދޭ ކަމެކެވެ. އެއީ، ކެއުން ބުއިމާއި، ޖިމާޢުވުން ފަދަ ކަންތަކުން މީހާ ދުރުހެލިވެ ހުރުމެވެ. މިއީ އެންމެ މަތިވެރި ނިޢްމަތެވެ. ކުޑަ ހިނދުކޮޅަކަށްވެސް އެކަމުން ދުރުހެލިވެގެން ހުރުމުން އެނިޢްމަތުގެ އަގު ވަޒަން ކުރެވެއެވެ. ގިނަފަހަރަށް އިންސާނުންނަށް ނިޢްމަތުގެ އަގު ވަޒަން ކުރެވެނީ އެނިޢްމަތެއް ގެއްލިގެންދާ ފަހުންނެވެ.

ރޯދަ އަކީ ޙަރާމް ކުރެއްވި ކަންތަކުން މީހާ ދުރުހެލި ކުރުވާ ކަމެކެވެ. ސަބަބަކީ މާތް ﷲ ޙަލާލް ކުރެއްވި ކަންތަކުންވެސް އެމީހަ ދުރުހެލިވެ އެހުންނަނީ ﷲ ގެ ރުއްސެވުން ހޯދުމުގެ ބޭނުމުގައެވެ.

އަދި ﷲ ގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވެގެންނެވެ. އެހެންކަމުން ރޯދަ އަކީ މާތް ﷲ ޙަރާމް ކުރެއްވި ކަންތަކުން މީހާ ދުރުހެލި ކުރުވާ ކަމެކެވެ. ރޯދައިގެ ސަބަބުން އިންސާނާ އަށް ﷲ ތިމާ ކުރާ ކަންތައް ބައްލަވާ ވޮޑިގެންވާ ކަމުގެ އިޙްސާސް ކޮށްދެއެވެ. ﷲ ތިމާގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާ ކަން އެނގި، ކުޅަދާނަކަން ލިބި ހުރުމާއި އެކުގައިވެސް، ތިމާ އަށް ހުއްދަވެގެންވާ ބައެއް ކަންތަކުން ދުރުހެލިވެގެން ހުރެވޭ އަދި ރޯދައިގެ ސަބަބުން ދުނިޔޭގެ ޒީނަތްތެރިކަމުން މީހާ ޒާހިދު ކުރުވާ ކަމަށްވެސް އިލްމުވެރިން ވިދާޅުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...