ސިންގަޕޯ އެއާލައިނާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ސިންގަޕޯ އެއަރލައިނާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީން ވަނީ ސިންގަޕޯ އެއަރލައިނާއިއެކު އެކަމާއިގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ 6 ޤައުމެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ސިންގަފޯ އެއަރލައިނުން އެހީތެރިވެދޭނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

އޭގެތެރޭގައި ހިމެނެނީ ޗައިނާ، އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި ސިންގަޕޫރުފަދަ މަޝްހޫރު މަންޒިލްތަކެވެ. އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، އެއްބަސްވުމުގެ ދަށުން 2 ފަރާތުންވެސް ފައިސާ ހަރަދުކުރާނެކަމަށެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ ހަ މާކެޓެއްގައި ރޯޑްޝޯތަކާއި، ފޭމް ޓްރިޕްތަކާއި ބޭރުގެ މީޑިއާތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ޠައްޔިބު ވިދާޅުވިއެވެ. ސިންގަޕޯ އެއަރލައިނުން 35 ޤައުމެއްގެ 140 މަންޒިލަކަށް ދަތުރުތައް ކުރެއެވެ.

ސިންގަޕޯ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ، 1984 ވަނަ އަހަރުގެ މާރޗް މަހުގައެވެ. އަދި އެ އެއަރލައިނުގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ސިލްކް އެއަރއިން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...