ބާސެލޯނާ ރޭ ކުޅުނު މެޗުން ސެލްޓަ ވިގޯ އަތުން ބަލިވެއްޖެ

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާ ރޭ ކުޅުނު މެޗުން ސެލްޓަ ވިގޯ އަތުން ބަލިވެއްޖެއެވެ.

ސެލްޓަ ވިގޯ އަތުން ބާސާ ބަލިވީ ދޭއް ސުމެއްގެ ނަތީޖާއިން. ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮތުމުން ރޭގެ މެޗަށް ބާސެލޯނާ އިން ނުކުތީ ބަދަލުތަކަކާއެކުގައެވެ. އެ ގޮތުން ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިން ރޭގެ މެޗުގައި ނުކުޅެއެވެ.

ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 83 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން އެސްޕަންޔޯލް އަތުން ތިނެއް ސުމަކުން ބަލިވިއިރު، އެ ޓީމަށް 36 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ.

ރޭގެ މެޗުގައި ސެލްޓަ އިން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގައެވެ. އެ ހާފުގެ ކުރީކޮޅުގައި ސެލްޓަ އިން ޖެހި ލަނޑު ރެފްރީ ގަބޫލުކޮށްފައެއް ނުވެއެވެ. ސެލްޓަގެ ފުރަތަމަ ލަނޑު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކުރީ މެކްސީ ގޯމޭޒްއެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައި ހުއްޓައި ސެލްޓަގެ ދެ ވަނަ ލަނޑު ޖެހީ އިއާގޯ އަސްޕާސްއެވެ. އެ މެޗުން ސެލްޓާ އަށް ލިބުނު ތިން ޕޮއިންޓާ އެކު އެ ޓީމަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެފައެވެ. ސެލްޓަ މި ވަގުތު ލީގުގެ 14 ވަނައިގައި އޮތީ 36 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...