ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފި

ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފިއެވެ.

މާތްވެގެންވާ ރަމަޟާންމަހާއި ދިމާކޮށް އިސްތަންބޫލުގައި އެޅި ކެމިލްކާ މިސްކިތް ހުކުރު ދުވަހު ހުޅުއްވައިދެއްވީ އެގައުމުގެ ރައީސް ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއެވެ.

އެ މިސްކިތުގެ މަސައްކަތް ފަށާފައިވަނީ ދެހާސް ތޭރަ ވަނަ އަހަރުއެވެ. އެމިސްކިތަކީ އެއްފަހަރާ ފަސްދޮޅަސްތިންހާސް މީހުންނަށް ނަމާދު ކުރެވޭވަރުގެ ޖާގައިގެ ގޮތުން ތަނަވަސް މިސްކިތެކެވެ.

މިސްކިތް ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ، މިސްކިތްތަކަށް އަމާޒުކޮށްދޭ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެފަދަ ހަމަލާތަކަކީ ޖިހާދު ކުރުމުގެ ނަމުގައި ދޭ ހަމަލާތަކެއް ނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައި އުރުދުޣާން ވަނީ ސިފަ ކުރައްވާފައެވެ.

އިސްތަންބޫލްގައި ހުޅުވި ކެމިލްކާ މިސްކިތުގައި ވަނީ ތުރުކީގެ އިސްލާމީ އާޓް ހިމެނޭ މިއުޒިއަމަކާއި ލައިބްރަރީއެއް އަދި ކޮންފަރެންސް ހޯލްތައް ގާއިމްކޮށްފައެވެ. ތުރުކީގައި މީގެ ކުރިން ހުޅުވި އެންމެ ބޮޑު މިސްކިތް ހުންނަނީ ދެކުނުގެ ޕްރޮވިންސް އަޑާނާގައެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރު ހުޅުވި ސަބަންސި ސެންޓްރަލް މިސްކިތުގައި އެއް ފަހަރާ އަށާވީސްހާސް ފައްސަތޭކަ މީހުންނަށް ނަމާދު ކުރެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...