އެމްޕީއެލްއިން ރޯދަ މަހު ބަހުގެ ހިދުމަތް ދޭނެ ގަޑިތައް އިއުލާން ކޮށްފި

އެމްޕީއެލްއިން މާލެ ސަރަހައްދުގައި ދެމުންގެންދާ ބަހުގެ ހިދުމަތް ރޯދަ މަހު ފަށާނީ ހެނދުނު 7:30 ގައި ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޕީއެލްގެ ބަހުގެ ހިދުމަތް އެހެނިހެން މަސްތަކުގައި ފަށަނީ ހެނދުނު 5:40ގައެވެ. އެކުންފުނިން ބުނީ ރޯދަ މަހު ބަހުގެ ހިދުމަތް ފަށާ ގަޑި ހެނދުނު 7:30 އަށް ފަސްކުރީ އޮފީސްތަކާއި، ސުކޫލްތައް ހުޅުވާ ގަޑި ރޯދަ މަހު ފަސްކޮށްފައިވާތީ ކަމަށެވެ.

ހެނދުނު 7:30 ގައި ބަހުގެ ހިދުމަތް ފެށުމަށްފަހު މީހުން އިތުރުވާ ގަޑިތަކުގައި ކޮންމެ 10 މިނެޓަކުން ބަސް ދަތުރުތައް ކުރަމުންދާނެ ކަމަށްވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އަދި އެނޫން ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޕީއެލް އިން ބުނީ އާންމު މަސްތަކުގައި މެންދަމު 1:00 ޖަހާއިރު ބަހުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ރޯދަ މަހު މެންދަމު ދޭއް ޖަހަންދެން ބަހުގެ ހިދުމަތް ދޭނެ ކަަމަށެވެ. އެމްޕީއެލްއިން އަންނަނީ މާލޭގެ އިތުރު ސަރަހައްދަކަށް ބަސްދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން ހުޅުމާލެއިން އަންނަ ބަސް މާލޭގެ ނަސަންދުރަ ސަރަހައްދަށް ދަތުރުކުރަން ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އެ ސަރަހައްދަށް ބަހުގެ ދަތުރުތައް ފެށުން ލަސްވަނީ މަގަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުން ލަސްވެގެން ކަމަށްވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޕީއެލްއިން ބަހުގެ ހިދުމަތް ދިނުމަށް 22 ބަސް ވަނީ ގެނެސްފައެވެ. އެގޮތުން ހުޅުމާލެއާއި މާލޭގެ 11 ސަރަހައްދަކަށް އެ ބަސްތައް ދަތުރު ކުރެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...