ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވޭނެ ތާރީހެއް ސަރުކާރަށްވެސް ނޭނގޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވޭނެ ތާރީހެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސިއްޙީ ނިޒާމް ތަރައްޤީ ކުރުމަށް އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވާނެ ކަމަށް މީގެ ކުރިން މި ސަރުކާރުން ދިޔައީ ބުނަމުންނެވެ. އެހެން ނަމަވެސް އޭޕްރިލް މަސް ނިމިގެންދިޔައިރުވެސް އެ ހޮސްޕިޓަލެއް ނުހުޅުވައެވެ. އަދި އޭގެ އެއްވެސް މަޢުލޫމާތެއްވެސް މި ސަރުކާރުން ނުދެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލިސް އިންތިޚާބާއި ދިމާކޮށް ކުރެއްވި ދަތުރުފުޅުގައި ތަފާތު ރަށްތަކަށް ވަޑައިގެން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސްފައި ހުރީ ކުރީގެ މެޝިނަރީސް ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަންވެސް ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ދޮގު ކުރައްވާފައެވެ.

ރައީސް ސޯލިހު ދަރުމަވަންތަ ހޮސްޕިޓަލާއި ގުޅޭގޮތުން ތަފާތު ވާހަކަފުޅުތައް ދައްކަވަމުން ގެންދެވި އިރު އެ ހޮސްޕިޓަލުގެ އެއްވެސް މަޢުލޫމާތެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް އެނގިވަޑައިގަންނަވާތޯ މިިއަދު މިވަނީ ސުވާލު އުފެދިފައެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ހަވާލު ކުރާ ކަމަށްބުނެ މީސްމީޑިއާގައި އަޑު ފެތުރުމާއި ގުޅިގެން އޭގެ މަޢުލޫމާތު ހޯދާލުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއަށް ގުޅާލުމުން ވިދާޅުވީ އެމަނިކުފާނަށް އޭގެ އެއްވެސް ޚަބަރެއް ލިބިވަޑައިގެންފައި ނެތް ކަމަށާއި އެކަންތައްތަކަކީ ރައީސް އޮފީހުން ނިންމަވާ ކަންތައްތައް ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެ ދުވަހަކާއި ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ އެކަންވެސް އެނގޭނީ ރައީސް އޮފީހަށް ކަމަށެވެ.

ހެލްތު މިނިސްޓްރީއަކީ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްޙީ ދާއިރާގެ މަޢުލޫމާތު ހުންނަންޖެހޭ ތަަނަށް ވާއިރު ރާއްޖޭގައި އަޅާފައިވާ އެންމެ ބޮޑު ހޮސްޕިޓަލުގެ މަޢުލޫމާތު އެ ވުޒާރާގެ ވަޒީރަށް ނޭނގުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި ކަންބޮޑުވާންވެސް ޖެހޭ ސަބަބެކެވެ. ސިއްހީ ކަންކަމާއި ބެހޭ މައުލޫމާތު، އެވުޒާރާގެ ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅާއަށް އެނގިވަޑައިނުގަންނަވާނަމަ މަޤާމުން އިސްތިއުފާ ދެއްވަން ޖެހެއެވެ.

ރައީސް ޔާމީންގެ ދައުރުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އެ ނޫންވެސް ސިއްޙީ ދާއިރާއާއި ގުޅެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދެވީ އޭރުގެ ހެލްތު މިނިސްޓަރގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ. އަދި އޭރުގެ މިނިސްޓަރ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ތާވަލާއި އެއްގޮތަަށް ނިންމައިފި ކަމުގައިވާނަމަ ފެބްރުއަރީ މަހު ހުޅުވާލެވޭނަމަށެވެ.

ރައީސް ސޯލިހުގެ ދައުލަތުގެ ހެލްތު މިނިސްޓަރަށް އެމަނިކުފާނުގެ ވުޒާރާގެ ކަންތައްތަކާއި ގޫޅޭ މަޢުލޫމާތު އެނގިވަޑައި ނުގަތުމަކީ ކަންބޮޑުވާން ޖެހޭކަމަކަށް ވާއިރު އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ބޭފުޅުންނަށް މަޢުލޫމާތު އެނގިވަޑައިގެންފައި ނުވުމަކީވެސް ހިތާމަހުރި ކަމެކެވެ. 25 ފަންގިފިލާގެ ހޮސްޕިޓަލާއި ގުޅޭ މައުލޫމާތު ހޯދުމަށް މިނިސްޓަރ އަމީންގެ ބަސްކޮޅެއް ނުލިބުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުއަށް ގުޅާލުމުންވެސް ދެއްވީ މިނިސްޓަރ އަމީން ދެއްވި ފަދަ ޖަވާބެކެވެ. އޭނާ ވިދާޅުވީ އޭގެ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށާއި ރަސްމީކޮށް ހުޅުވާނެ ދުވަހެއްވެސް ނޭނގޭ ކަމަށެވެ.

ދައުލަތުގެ އެންމެ އިސް ފަރާތް އަދި ކަމާ ބެހޭ ވުޒާރާގެ ވަޒީރަށް، އެ ވުޒާރާގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ލިބިފައި ނުވުމަކީ ސަރުކާރު ފެއިލްވެފައި ވުމުގެ އެންމެ ބޮޑު އެއް ހެއްކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...