އެޖެންޑާ ނަވާރައިގެ ދަށުން ތައުލީމީ ސިޔާސަތަށް ކޮކަޑިލުން

ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި އެންމެ ބާރަށް އޭރުގެ ސަރުކާރަށް ތާއީދު ކުރި މީހުން ދިވެހި ރަޔިތުން ކިބައިން އެދެމުން ދިޔައީ އިދިކޮޅު ކޯލިޝަނުން ނިކުމެ ވަޑައިގެން ހުންނެވި ކެންޑިޑޭޓަށް ވޯޓު ނުދެއްވުމަށްެވެ. ސަބަބެއް ކަމަށް ބުނަމުން ގެންދިޔައީ އެވެރިން ވެރިކަމަށް އަތުވެއްޖެނަމަ މި ރާއްޖޭގެ ގިނަ ކަންކަން ބޭރުގެ ނުފޫޒުތައް ބޭނުންވާ ގޮތަށް ނިމިގެން ހިނގައިދާނެތީއެވެ. ގިނަ ބަޔަކު އެއީ ތެދެއްކަން މިއަދު ޤަބޫލު ކުރަން ފަށައިފިއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަރަށް ތަފާތު އެކި އަޑުތައް އިވެމުންދިޔައެވެ. އެގޮތުން އެމްޑީޕީ ހިމެނޭ ސަރުކާރެއް މި ޤައުމުގައި އޮވެއްޖެނަމަ މި ޤައުމުގެ މިނިވަންކަމާ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށް ބުރު އަރާނެ ކަމަށް ދެކެމުން އައި ވާހަކަތައް އިއްޔެ އިވުނު އަޑެއްހެން އަދިވެސް ކަންފަތުގައި ހަރުލާފައި އެބަހުރިއެވެ.

ނަމަވެސް އޭރުގެ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އަދުގެ ރައީސުލްޖުމްހޫރިއްޔާ ޅ.ހިންވަރު ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ޞޯލިހު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އެރުވި އެއް ކަމަކީ މިޤައުމުގައި ހިނގާނީ އިސްލާމީ ވެރިކަމެއް ކަމަށާ މިޤައުމުގައި އިސްލާމުދީނު ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގެން ވެރިކަމުގައި ހުރި ފޮނިމީރުކަން ހާޞިލުކުރެއްވެން ފެއްޓެވުމާއެކު ފެންނަން ފެށި މަންޒަރު ވަރަށް ތަފާތެވެ. އެމަނިކުފާނުގެ އެއްވެސް ބަސްފުޅެއް މި ސަރުކާރުގައި ނުވިކޭކަން ޞާބިތުވާން ފެށިއެވެ. ދެން ހަނދާނަށް އައީ އަނެއްކާވެސް އިންތިޚާބުގެ ދުވަސް އޭރުގެ ސަރުކާރު ހިންގާ ޕާޓީއަށް ތާއީދުކުރާ ބެފުޅުންގެ ބައެއް ބަސްފުޅުތަކެވެ. އެގޮތުން އޭރު ބައެއް ބޭފުޅުން ވިދާޅުވި ހަނދާން ވަނީ ރައީސް ޞޯލިހުއަކީ ނަމެއްގައި ހުންނަވާނެ ބޭފުޅެއް ކަމަށާ އަމުރު ކުރައްވާނީ އެހެން ބޭފުޅެއްކަމަށް. މިއަދު ދިވެހި މުޖުޠަމައުން އެ މަންޒަރުދަނީ ފެންނަމުންނެވެ.

ވެރިކަމުގައި ރައީސް ޞޯލިހު ހުންނެވި ނަމަވެސް ދިވެހި ދައުލަތް ހިންގާނެ ގޮތުގައި މަގު ޗާޓުގެ މޭސްތިރިކަމުގެ ޒިންމާ އަދާ ކުރައްވަނީ އެހެން ބޭފުޅެއްކަން މިއަދުގެ މަންޒަރުތަކުން ފެނިހާމަވާން ފެށިއެވެ. އެގޮތުން ބަލާއިރު އެ ބޭފުޅަކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖެގައި އޮތް ތައުލީމީ ސިޔާސަތުގެ ތެރެއިން މުޤައްރިރުގައި ހުރި ދީނާ ބެހެ ބައެއް ކަންކަން ބަދަލުކުރުމަށް. އެގޮތުން ވިދާޅުވެފައިވަނީ، އިސްލާމް ދީނުގެ ނަމުގައި ކުރަމުންދާ ކަންކަމަށް ބަލާ، ރާއްޖޭގެ މުސްތަޤްބަލު ސަލާމަތް ކުރުމަށް ރާއްޖޭގައި ކިޔަވައިދެމުން އަންނަ މުޤައްރަރު ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެޑިޔުކޭޝަން މިނިސްޓަރ ޓެގް ކުރައްވާ އެޓްވީޓުގައި ކުރައްވާފައިވާއިރު، ޓްވީޓުގައި އިތުރަށް ބުނެފައިވަނީ މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާ ފަދަ ވާހަކަތައް މާގިނަކަމަށެވެ.

ރައީސް ނަޝީދުގެ އެޓްވީޓާއެކު ރާއްޖޭގައި ކިޔަވައިދޭ ބައެއް ފޮތްތައް މުރާޖަޢާ ކޮށްލިން. އެގޮތުން އަޅުގަޑުގެ ލޮލުގައި އަޅާއިގަތް އެއްކަން މި ރިޕޯޓުގައި ހިމަނާލާނަމެވެ. އެގޮތުން އިސްލާމު ފޮތެއްގައި އިސްލާމުދީނުގެ ދުޝްމަނުންގެ މައިގަނޑު މަޤްޞަދު ޖަހާފައި އިން ސުރުޚީއެއްގެ ދަށުން ހުރި ނުކުތާތަކުގެ ތެރޭގައި ހިމެނޭ އެއް ނުކުތާ ކަމަށްވާ، މުސްލިމުންގެ ބާރު ކަނޑުވާލާ އެބައިމީހުންނަކީ ހުޅަނގަށް އަޅުދާސްވެ ހުޅަނގުގެ ތައްޕާހުން އުޅެން ޖެހިފައިވާ ހުޅަނގަށް މުޅިން ގޮސް ހުސްވެފައިވާ ބަޔަކަށް ހެދުން ކަމަށް ބުނެފައިވާ ނުކުތާ ފާހަގަކޮށްލެވެއެވެ.

އަސްލު މިވާ ގޮތް އަޅުގަޑަށް ރޭކާލީ މިހާ ހިސާބުންނެވެ. ހުޅަނގުގެ ދޮން މީހުންނަށް ބަދު ބަހެއް ބުނެފައި އޮތުމުން ރައީސް ނަޝީދުގެ ހިތްޕުޅަށް އަސަރުކުރީތާއެވެ. އަދި އެޖެންޑާ ނަވާރައިގެ މަޤްޞަދުތަކުގެ ތެރޭގައި ދޮން މީހުން ރުއްސުމަކީ އޮންނާނެ ކަމަކަށްވެފައި ރާއްޖޭގެ މުޤައްރިރުގައި މިފަދަ ވާހަކަތަކެއް ހުރުމުން އެމީހުން އެކަމާ ނުރުހޭނެކަން ޔަގީންވުމުން އެކަން ބަދަލުކުރަން މަސައްކަތް ކުރަނީތާ ދޯ އެ ހިތައްއެރިއެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފެނުނު އެންމެ ސިޔާސީ އެޑިޔުކޭޝަން މިނިސްޓަރ މިކަން ކޮށްފާނެބާއެވެ؟ ބައެއް މީހުން ބުނަނީ ނުކުރުމަށްވުރެ ގާތީ ކުރުން ކަމަށެވެ. މުޤައްރިރު ބަދަލުކުރުމާ ރާއްޖޭގެ ދީނީ އިލްމުވެރިން ދެކޮޅުކަން އެބޭފުޅުންދަނީ ހާމަކުރަމުންނެވެ.

އެގޮތުން ޝައިޚް ޒައިދު ވިދާޅުވެފައިވަނީ، ރާއްޖޭގެ އިސްލާމް މުގައްރަރުތަކަކީ ބޮޑު ކޮމިޓީއަކުން އެކުލަވާލާފައިވާ އެއްޗެއް ކަމަށާ އެ ކޮމިޓީގެ މެމްބަރުންނަކީ އެކި އިލްމީ އިންސްޓިޓިއުޝަންތަކަށް ނިސްބަތްވާ ބޭފުޅުންކަމަށެވެ. އަދި މުގައްރަރަކީ މީހަކު ކުޅޭ ކުޅިވަރެއްހެން ހަދާފައިވާ އޮތް އެއްޗެއް ނޫންކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ. ދެން ހަނދާނަށް އައީ ރާއްޖޭގެ އިލްމުވެރިޔަކު ބުނެފައިވާ ވަރަށްވެސް އިބްރަތްތެރި ބަސްފުޅެކެވެ. ދުނިޔެއަށް ކަނު ލޯތްބެއް ޖެހިފައިވާ ބައެއްގެ އަތްމައްޗަށް ވެރިކަމެއް އަރައިފިއްޔާ އެންމެ ފުރަތަމަ ކޮކަޑިލާނީ ތައުލީމީ ނިޒާމަށެވެ. މިއީ ޞައިޚް އުމަރުގެ އީސާގެ އަގުހުރި ބަސްފުޅެކެވެ.

އެހެންކަމުން އެޖެންޑާ ނަވާރައިގެ ހިޑްން އެޖެންޑާއަކީ ނުވަތަ ފޮރުވިފައިވާ ކަމަކީ ދިވެހި ރާއްޖޭގެ އިސްލާމީ މުޤައްރިރަށް ކޮކަޑިލުން ބާއެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...