ސިއްޚީ ނިޒާމަށްވީ ވައުދުވެސް ހަމަ ސުމަކުން : އައްޑޫ ރައްޔިތުން

- ފޮޓޯ - އައްޑޫ އޮންލައިން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ގުޅުން ހުރި 100 އަށް ވުރެ ގިނަ ކަންބޮޑުވުން ހެލްތު މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ އިރު އެކަންތައްތައް ހައްލު ނުކުރެވޭތީ އައްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު އިންތިހާއަށް ދަށްވުމާއި ގުޅިގެން އެކަންކަން ރަނގަޅު ކުރުމަށް ހެލްތު މިނިސްޓްރީން އެކަށީގެންވާ މަސައްކަތް ނުކުރާތީ އައްޑޫ ރައްޔިތުން އިންތިހާއަށް ކަންބޮޑުވެ މުޒާހަރާ ކުރާ މަންޒަރުތައް ފެންނަންފަށައިފިއެވެ.

ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި، މުވައްޒަފުން އަދި ވަސީލަތް ނެތުމުގެ ޝަކުވާ ފާއިތުވި ދުވަސްތަކުގައި ހެލްތު މިނިސްޓްރީއަށް ހޮސްޕިޓަލްގެ ފަރާތުން ހުށަހެޅި ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް މުޒާހަރާ ކުރި ބައިވެރިން ބުންޏެވެ. އަދި ހޮސްޕިޓަލާއި ގުޅޭ ޝަކުވާ އާއްމުން ކުރަން ފެށުމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހޮސްޕިޓަލްގެ މެނޭޖްމަންޓާވެސް ބައްދަލުކޮށްފައެވެ. އެގޮތުން ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރަކު ނެތްތާ ހަ މަސްވެފައިވާ އިރު ޑޮކްޓަރަކު ހޯދިފައި ނެތުމަކީ ސީރިއަސް މައްސަލައެއްކަމަށް އައްޑޫގެ މޭޔަރ ވަނީ ވިދާޅުވިއެވެ.

އަދި ހޮސްޕިޓަލްގެ މައްސަލަ ބޮޑުވެގެން އެތަނަށް ޒިޔާރަތް ކުރުމުގެ ކުރިން ހެލްތު މިނިސްޓަރަށް މެސެޖަކުން ހޮސްޕިޓަލަށް ޒިޔާރަތް ކުރާކަން އެންގެވި ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. ނަމަވެސް އަދި މިހާތަނަށް މިނިސްޓަރގެ ޖަވާބެއް ލިބިފައި ނުވާ ކަމަށް އައްޑޫ ސިޓީ ރައްޔިތުން ބުނެއެވެ. އައްޑޫ ސިޓީ ރައްޔިތުންގެ މިކަންބޮޑުވުންތަކާ ގުޅޭގޮތުން އައްޑޫ އޮންލައިންގައި ލޔެފައިވާ ލިޔުމެއްގައި ހޮސްޕިޓަލްގެ އިސް ބޭފުޅަކާ ހަވާލާދީ ވިދާޅުވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކުގެ ތަފްސީލް ހެލްތު މިނިސްޓްރީއަށް ސާފުކޮށް އެނގޭނެކަމަށެވެ.

އެކަން ހައްލު ކުރެވެން އޮތީ މިނިސްޓްރީގެ ޒިންމާ ބަރާބަރަށް އަދާކޮށްގެންކަމަށްވެސް އެ ލިޔުމުގައިވެއެވެ. ކޮންމެއަކަސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު އައިފަހުން ސިއްހީ ނިޒާމުއެއްކޮށް ފެއިލްވެފައިވާ ކަމަށް އަންނަނީ ބުނަމުންނެވެ. އެގޮތުން ސިއްޚީ މަރުކަޒުތަކާއި އަދި ހޮސްޕިޓަލުތަކުން ލިބެންޖެހޭ ސިއްހީ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެން ނުހުންނަކަމުގެ ޝަކުވާއަކީވެސް އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. އަދި ހޮސްޕިޓަލުތަކުން ކުރިން ލިބެމުން އައި ޙިދުމަތްތައްވެސް މި ހާރު ލިބެން ނުހުންނަ ކަމުގެ ވާހަކަވެސްދަނީ ފެންމަތިވަމުންނެވެ.

އެގޮތުން އެއް ޚިދުމަތް ފަހިވެފައިވާނަމަ އެނެއް ޚދުމަތަށް ބުރުއަރާކަން ފާހަގަކޮށްލެވެއެވެ. މިސާލަކަށް ބަލާނަމަ ކަށީގެ ޑޮކްޓަރެއް ޚިދުމަތް ލިބޭނަމަ މާބަނޑު މީހާ އަށް ސްކޭން ކުރޭވޭވަރު ނެތުން ފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ. މިއީ ހައްތަހާވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައްކަން މީސްމީޑިޔާއަށް ބަލާލުމުން އެނގި ހާމަވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނެފައިވަނީ މި ސަރުކާރުން އެންމެ ހާއްސަ އިސްކަމެއްދޭނެ އެއްދާއިރާއަކީ ސިއްހީ ނިޒާމް ހަރުދަނާ ކުރުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ހެލްތު މިނިސްޓަރ ފާއިތުވި ފަސް މަސް ދުވަހު ކުރައްވާ މަސައްކަތްތަކަކީ ތަންތަނުގެ ރިބަން ކަނޑުއްވާ ދެއްވުމެވެ. ފާއިތުވި މުއްދަތުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް އައި ކުރިއެރުމެއް ފެންނާކަށްނެތެވެ. ސަރުކާރަކަށް ފަސް މަސް ފުރިގެންދާ އިރު ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގައި ހުރި އައްޑޫ ސިޓީ ހޮސްޕިޓަލަށް ކަށީގެ ޑޮކްޓަރެއް، ލޮލުގެ ޑޮކްޓަރެއް ގެނެސް ނުދެވުމަކީ މި ސަރުކާރު ބޮޑުތަނުން ފެއިލްވުންކަމަށް އައްޑޫ ރައްޔިތުންބުނެއެވެ.

އެތައް ބަޔަކު ޝަކުވާ ކުރަމުން އަންނަ އިރު އެއްވެސް ބަދަލެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ހެލްތު މިނިސްޓްރީން ނުގެނެސް ތިބުމަކީ ބޮޑު އިހްމާލެއްކަމަށްވެސް އައްޑޫ ރައްޔިތުން ބުނެއެވެ. އައްޑޫ ރައްޔިތުންގެ އުއްމީދާ އެންމެ ބޮޑަށް ގުޅިފައިވާ އައްޑޫ ކޮންވެންޝަން ސެންޓަރުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީކުރަން ފެއްޓި ޓާޝަރީ ހޮސްޕިޓަލް އަކީ ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނޭ ތަނެކެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ ހޮސްޕިޓަލްގެ އިމާރާތުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ހޮސްޕިޓަލުގެ ގިނަ މަސައްކަތްތައް މިސަރުކާރު އައިއިރުވެސް ނިމިފައިވާތީ ހޮސްޕިޓަލާމެދު ދެއްކޭނެ މާގިނަ ވާހަކަތަކެއް މިހާރު ނެތްކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ކުރަން ފެށި ކަމެއްނަމަ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލެއް ނާޅާނެކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އިތުރު ކުރަންޖެހޭ ބައެއް ޕްރައިވެޓް ރޫމްތަކެއް އެޅުމުގެ މަސައްކަތް ކަމަށާއި އެހޮސްޕިޓަލް ނިމުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާނެ ސިއްޙީ ޚިދުމަތް ފެންވަރު ރަނގަޅު ޒަމާނީ ވަޞީލަތްތަކެއްގެ ބޭނުންކޮށްގެން ދެވޭނެކަމަށެވެ. މިލިއަނުން ޚަރަދުކޮށްގެން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ޤާއިމްކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ސާކްސަމިޓު ބޭއްވުމަށް ދެހާސް ނުވަވަނަ އަހަރުގައެވެ.

ސާކް ސަމިޓަށް ބޭނުންކުރުމަށްފަހު އެއިމާރާތް ހަލާކުވަމުން ދާތީ ރައީސް ޔާމީންގެ ސަރުކާރުން ނިންމީ އެތަނުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށެވެ. އޭރުވެސް އެމްޑީޕީން ދިޔައީ މިމަޝްރޫޢާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މިއަހަރު ތެރޭގައި އެހޮސްޕިޓަލުގައި ޚިދުމަތް ދޭން ފެށޭވަރު ވާނެކަމަށް މީގެ ކުރިން ރައީސް ޔާމީންވެސް ވަނީ ވިދާޅުފައި. ހެލްތު މިނިސްޓަރު އަމީންވެސް ވިދާޅުވީ އެތަނުގެ މަސައްކަތް ނިމި ވަރަށް އަވަހަށް ޚިދުމަތް ދޭން ފަށާނެކަމަށެވެ.

ނަމަވެސް އެ ހޮސްޕިޓަލުން ރައްޔިތުންނަށް ފަހި ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސް ސޯލިހަށް ނުކުޅެދިފައިވާކަން ފާހަގަކޮށްލެވެއެވެ. 19 ވަނަ މަޖިލީހުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން މަޖްލިސްގެ 7 މެމްބަރުންނަކީ މިހާރު ސަރުކާރު ޕާޓީގެ މެމްބަރުންނެވެ.

ކައުންސިލްގައި ތިއްބެވީ ސަރުކާރު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހަތް ކައުންސިލަރުންނެވެ. ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި އައްޑޫ ރައްޔިތުން 70 ޕަސެންޓު ވޯޓު ދެއްވިއެވެ. ނަމަވެސް އެންމެ ކުޑަމިނުން އައްޑޫގެ ސިއްހީ ނިޒާމު ހަރުދަނާ ކުރައްވަން ކުރައްވާ މަސައްކަތުގެ އެއްވެސް ތަފްސީލެއް ދެއްވޭ ތަނެެއް ފެނިގެންނުދެއެވެ.

މުޅި ސަރުކާރު އަދި މިފެންނަނީ ހުރިހާ ބާރެއް އޮވެ ރައްޔިތުންގެ އުންމީދު ހާސިލްކޮށްދިނުމުގައި ނުކުޅެދިފައިވާތަނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...