ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ދެ މަޝްރޫއެއް ފަށަނީ


މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުމުގެ ލަނޑުދަނޑީގެ ދަށުން ދިރާގުން ޔޫއެންޑީޕީއާ ގުޅިގެން ދެ ޕްރޮޖެކްޓެއް ފަށަން ތައްޔާރުވެއްޖެއެވެ.

މި މަޝްރޫއުގެ ދަށުން ދިރާގުން ހިންގަން ރާވާފައިވާ ފުރަތަމަ ޕްރޮޖެކްޓުގައި ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ރަށްރަށުގެ ޑިޒާސްޓާ ރިސްކް އެސެސްމެންޓެއް ހެދުމަށް ވަނީ ނިންމާފައެވެ. ދިރާގުން ބުނީ "ޑްރޯންސް ފޯ ރެޒިލިއަންސް"ގެ ނަމުން ނަންދީފައިވާ މި ޕްރޮޖެކްޓުގެ މަގުސަދަކީ ކާރިސީ ހީރާސް މަދުކުރުމާއި ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާރިސާތައް ދިމާވާ ހާލަތްތަކުގައި ތައްޔާރުވާނެ ގޮތެއް ކަނޑައެޅުން ކަމަށެވެ.

މީގެ އިިތުރުން ރާއްޖޭގެ ހަތަރު ރަށެއްގެ ޗާޓް ތަފްސީލާއެކު ކުރެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ ކާރިސީ ހީރާސް މަދުކުރުމުގައި ދިވެހި ސަރުކާރަށް ގާނޫނު ތަންފީޒުކުރުމުގައި އެހީތެރިވެދީ، ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކުރުމަކީ މިމަސައްކަތުގެ މަގުސަދެއް ކަމަށެވެ. މިމަސައްކަތުގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދިރާގުން ބުނެއެވެ.

ދެވަނަ ޕްރޮޖެކްޓެއްގެ ގޮތުގައި ދިރާގުން ހިންގަން ނިންމައިފައިވަނީ މިދިޔަ ދެ އަހަރުވެސް ހިންގާފައިވާ "ފިލްމް ފޯރ ޗޭންޖް ކްލައިމެޓް ޗޭންޖް އެޑިޝަން" ގެ ނަމުން ނަންދީފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގައި މޯބައިލް ފޯނާއި ޓެކްނޮލޮޖީ ޑިވައިސްތައް ބޭނުންކޮށް ޑޮކިއުމެންޓްރީ ސްޓައިލުގެ ކުރު ފިލްމުތައް އުފެއްދުން ކުރިއަށްދާނެއެވެ. ފިލްމް ފޯ ޗޭންޖްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޒުވާނުން ބާރުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުން އިތުރަށް ބުނީ ރަސްމީކޮށް ފިލްމް ފޯ ޗޭންޖް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މި އަހަރު ބާއްވާ ފިލްމު ފެސްޓިވަލެއްގައި ކަމަށާއި އަދި މި ޕްރޮޖެކްޓުން އުފައްދާ ފިލްމުތައް ސޯޝަލް މީޑިއާއާއި އެހެނިހެން ޕްލެޓްފޯމުތަކުގައި އާންމުކުރާނެ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...