އެސްޓިއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓިއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ. އެސްޓިއޯއިން ބުނީ އެކުންފުނިން ވިއްކާ ޑީސަލް ލިޓަރަކުން 50 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 70 ލާރި ބޮޑުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 11.49ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ 12.11ރ. އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުގައެވެ. އެފަހަރު އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޑީސަލް ލިޓަރަކުން 72 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 60 ލާރި ބޮޑުކޮށްފައެވެ.

އެހެންކަމުން އިއްޔެއާ ހަމައަށް އެސްޓިއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކާފައިވަނީ 10.79ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާފައިވަނީ 11.61ރ. އަށެވެ. އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގު ބޮޑުވެފައިވާތީ ކަމަށެވެ. ސާފު ނުކުރާ ތެލުގެ އަގު މިއަހަރު ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 އިންސައްތައަށް ބޮޑުވެފައިވާ ކަމަށް އެސްޓިއޯއިން ބުނެއެވެ.

އަދި ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު، އޯޕެކާއި ރަޝިއާއިން ވަނީ މިއަހަރު ތެލުގެ ސާރޕްލަސް ދަށްކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް އެސްޓިއޯއިން ބުނެއެވެ. އެސްޓިއޯ އިން ތެލަށް މިގެނެވުނު ބަދަލާއެކު އާންމު ރައްޔިތުންގެ ޝަކުވާތައްވަނީ ގިނަވެފައެވެ. އެގޮތުން އަތްފޯރާ ފަށުގައި ތެލާއި ކަރަންޓްގެ އަގު ހެޔޮކޮށްދެއްވާނެ ކަމަށް ވައުދުވި ސަރުކާރު މިއަދު ފެއިލްވެފައިވާ ކަމަށް ގިނަ ދިވެހި ރައްޔިތުން އަންނަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...