ސިނަމާލެ ބުރިޖް: ކުނިބުނީގެ ހާއްޔަކަށްވެއްޖެ

- ސިނަމާލެ ބުރިޖް -

ތަކުލީފު ތަކަކުން ސަލާމަތްވެ، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ނިމިދިޔަ ސަރުކާރުން ހައްދަވައިދެއްވި ބްރިޖު މަތި ފެނިގެންދަނީ މާލޭގެ ކުނިކޮށްޓާ ދާދި އެއްގޮތަށް ކަމަށް ރައްޔިތުން މިއަދު ބުނަންފަށައިފިއެވެ.

ސިނަމާލެ ބުރިޖު ވެފައިވަނީ މާލެ، ހުޅުމާލެ އަދި ހުޅުލެއަށް ދަތުރުކުރާ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ގެނުވައިދިން ފާލަމަކަށެވެ. އެތައް ރަސްކަމެއް، އަދި ވެރިކަމެއް މި ޤައުމުން ފެނިގެން ގޮސްފިއެވެ. ނަމަވެސް ރައްޔިތުން ދެކެމުން އައި މި ހުވަފެނުގައި ހަގީގީ ކުލަ ޖެހުނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒަޢާމަތުގައެވެ. މީގެ ކުރިން ހުޅުމާލެ، ހުޅުލެ އަދި މާލެއާއި ދެމެދު ރައްޔިތުން ދަތުރުފަތުރުކުރީ ތަކުލީފުތަކަކާއެކުއެވެ.

ތައުލީމް ހާސިލްކުރުމަށްދާ ދަރިވަރުންނާއި، ވަޒީފާތަކަށްދާ މުވައްޒަފުން އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ދިޔައީ ކަނޑު ހުރަސްކޮށްފައެވެ. ކިތަންމެ ކަނޑު ގަދަޔަސް، ކަނޑު މައްޗަށް ބަލި މީހުންނަށް އޭރު އިތުރު ގޮތެއް ނެތް. ކިތަންމެ އަވަހަށް މާލެ އަންނަން ނުވަތަ ހުޅުމާލެ ދާން ޖެހުނަސް ދާން ޖެހެނީ ވިހި މިނެޓުގެ ފެރީ ދަތުރެއް ކޮށްފައެވެ. ހުޅުލެ އެއާޕޯޓުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށްވެސް މީގެ ކުރިން އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

ނަމަވެސް ސިނަމާލެ ބުރިޖުގެ ސަބަބުން މި މައްސަލަތަކަށްވެސް ލިބުނީ ހައްލުތަކެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާ އަދާކުރަމުން އަންނަ އިރު، ރައީސް ޔާމީންގެ ސަރުކާރުން އަޅާދިން ބުރިޖުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ފަސޭހަވާކަމަށް އެ ޒުވާނުން މިއަދު ބުނެއެވެ. ސިނަމާލެ ބުރިޖަކީ ފުރަމާލެ ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ރައީސް ޔާމީންގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނުނު ވައުދެކެވެ. އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންދިޔަ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭކަމީވެސް ރައްޔިތުންނަށް އިތުރު ހިތް ހަމަޖެހުމެއް ގެނުވާކަމެކެވެ.

އެ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތަކަށް އިންޤިލާބީ ބަދަލަކާއި ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ކުރާނެ ކަން މިއަދު ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރެއެވެ. ހާލު ބޮޑު ބަލި މީހާވެސް މިއަދު އެމެޖެންސީގައި ބުރިޖްމަތިން މާލޭގެ ކޮންމެ ހޮސްޕިޓަލަކަށް މިއަދު ގެނެވޭ އިރު މީގެ ކުރިން ކަނޑު މަތީގައި އެތަށް އިރެއްވަންދެން އެ ބަލި މީހާ ވަގުތު ހޭދަކުރިއެވެ. ނަމަވެސް މި ތަކްލީފުތަކަށްވެސް ނިމުމެއް އައީ ބުރިޖް ގާއިމްކުރެވުމުންކަން ޔަގީނެވެ.

ރައްޔިތުން އުފުލި އެތަކެއް ތަކުލީފުތަކަކުން ސަލާމަތްވެ، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދިނީ ރައީސް ޔާމީންގެ ސަރުކާރުން ޤާއިމްކުރި ސިނަމާލެ ބުރިޖުގެ ސަބަބުންނެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރީ ސަރުކާރުން މިފަދަ ބިޔަ ބޮޑު މަޝްރޫއެއް ގާއިމްކޮށްދެއްވާފައިވާއިރު ހިތާމައަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ބްރިޖްގެ ސާފުތާހިރުކަން ނުބެލެހެއްޓުމެެވެ. އަންނަން އޮތް ޖީލާ ހަމައަށް އެ ތާރީޚީ ބިނާ ދެމިއޮތުމާއި މެދު މިއަދު ރައްޔިތުން ސުވާލު އުފައްދައެވެ. ސަބަބެއްނެތިއެއްވެސް ނޫނެވެ.

ބްރިޖުގެ ދެ އަރިމައްޗަށް ބަލާލުމުން މިކަން އެނގި ހާމަވެއެވެ. ދަޅާ ، ފުޅި އަދި ފާވެފައި ހުރި އެކި ތަރުކާރީގެ ބާވަތްތަކާއި އަދިވެސް މިނޫން ތަފާތު އެކި ކުނިބުނިން މުޅި ބްރިޖް ވަނީ ގޮނޑުވެފައެވެ. މި ކުނިބުނި ފެންނަ ލޮލެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނެތެވެ. އަދި މި މައްސަލަ ބޮޑުވެގެން އުޅޭ މަންޒަރެއްވެސް ނުފެނެއެވެ.

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްނުދެވުނުތަނުގައި ކުރީ ސަރުކާރުން ރައްޔިތުންގެ ލާބައަށް ހެދިފަ ހުރި ތަންތަންވެސް ވީރާނާ ވުމާއި ގާތަށް ދާ މަންޒަރު ފެންނަމުންދާ ކަމަށް މި އަދު ރައްޔިތުން ބުނަންފަށައިފިއެވެ. ދުވަސްވަރަކީ ތަފާތުއެކި ބަލިތަކެއް ރާއްޖޭގައި އާންމުވަމުން އަންނަ ދުވަސްވަރެއްކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާލުމުން އެނގިހާމަވެއެވެ.

ނަމަވެސް ހިތާމައަކީ ބުރިޖް މައްޗަށް އުކާލެވިފައިވާ ދަޅާ ފުޅީގައި ފެންހަރުލުމުގެ ސަބަބުން އިތުރަށް ބަލި ފެތުރުމަކީ އެކަށީގެންވާ ކަމަކަށްވުމެވެ. ކަންމިހެން އޮތްއިރު ރައީސް ސޯލިހު އާއި ކެބިނެޓުން މިކަންކަމާ ދޭތެރޭ ވިސްނާލީ ކިހާވަރަކަށްބާއެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...