މާރިޗު މަހު 253 މައްސަލައެއް ހުށަހެޅިފައިވޭ : ޖެންޑާ

މިދިޔަ މާރިޗު މަހު ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 253 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ 253 މައްސަލަތަކުގެ ތެރެއިން 131 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

މިއީ މާރިޗު މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 52 އިންސައްތަ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކުރެއެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 38 މައްސަލަ އެ މުއްދަތުގެ ތެރޭގައި ވަނީ ރިޕޯޓުކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 35 މައްސަލައާއި ޖިންސީ ހާނީއްކައިގެ 32 މައްސަލަ އަދި ނަފްސާނީ ހާނީއްކައިގެ 14 މައްސަލައިގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަ މައްސަލަ ވެސް މާރިޗު މަހު ވަނީ ހުށަހަޅާފައެވެ. އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ތިން މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ ހަ މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ އިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ސާފު ބޯފެނާއި ކަރަންޓުގެ ހިދުމަތަށް ހުރަސް އެޅުމުގެ ހަތަރު މައްސަލައާއި ތައުލީމަށް ހުރަސް އެޅުމުގެ އެއް މައްސަލަ، އައިޑީކާޑާއި ޕާސްޕޯޓް އަދި އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ އެއް މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ. އާއިލީ 27 މައްސަލަ ހުށަހަޅައިފައިވާ އިރު، އޭގެ ތެރޭގައި ކުދިންނާ ބައްދަލު ނުކުރެވޭ 14 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ އަށް މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގެ ތިން މައްސަލަ އެއް ހިމެނެއެވެ.

މީގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ފަސް މައްސަލަ ހުށަހަޅާފައިވާ އިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުން ދިނުމުގެ ހަތަރު މައްސަލަ އަދި ވައްކަންކުރުމުގެ އެއް މައްސަލަ ހިމެނެއެވެ. ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 15 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ ފަސް މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަތަރު މައްސަލަ ހިމެނެއެވެ.

އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މި ބާވަތުގެ 12 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ހަތް މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ ހަތް މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ފަސް މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ ދެ މައްސަލަ، ރޭޕްކުރުމުގެ ދެ މައްސަލަ، އިހުމާލުވުމުގެ އެއް މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ އަދި މާލީ ނުވަތަ އިގުތިސޯދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އެއް މައްސަލައެއް ހިމެނޭ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހެޅުނުއިރު އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 14 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ ފަސް މައްސަލައެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ނެރުނު ހިސާބުތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...