ސަރުކާރުގެ އެންމެ އިސް ފަރާތް ސޯލިހުއަށް އޮޅިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހުއަށް ސަރުކާރުގެ އެންމެ އިސްފަރާތް އޮޅިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ސަރުކާރު ހިންގުމާއި ހަވާލުވެގެން ހުންނަވާ ބޭފުޅާއެވެ. އެއީ ސަރުކާރުގެ އެންމެ އިސް ފަރާތެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެގެން ހުންނެވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއެވެ. ރައްޔިތުންގެ އިތުބާރާއެކު ވެރިކަމަށް ވަޑައިގަތީ ތަފާތު ވަޢުދުތައް ވެވަޑައިގެން ސަރުކާރު އިސްލާހު ކުރެއްވުމަށެވެ.

ނަމަވެސް މި މަހުގެ 23ވީ އަންގާރަ ދުވަހު ފެނިގެން ދިޔަ މަންޒަރުތަކުން ރައީސް ސޯލިހުއަށް އެމަނިކުފާނަށް ސަރުކާރުގެ އެންމެ އިސް ފަރާތަކީ ކޮން ބޭފުޅެއް ކަން އޮޅިވަޑައިގެންފައިވާކަން ވަނީ ހާމަވެފައެވެ. ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުއާއި ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުއަށް އިންސާފަށް އެދި ކުރިއަށް ގެންދިޔަ ހިނގާލުމުގެ އެންމެ އިސް ސަފުގައި ރައީސް ސޯލިހު ހުންނެވިއިރު އެ ހިނގާލުމުގެ ބޭނުމަކީ އިންސާފު ހޯދުމަށް ސަރުކާރަށް ގޮވާލުމެވެ.

ސަރުކާރު ހިންގުމުގައި ހުރި އެންމެ އިސްފަރާތުން އެފަދަ ހިނގާލުމެއްގައި ބައިވެރިވުމަކީ ސަރުކާރު ހިންގުމުގައި ރައީސް ސޯލިހުގެ ނާގާބިލުކަން ދޭހަވާ ކަމެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ބޮޑެތި ވަޢުދުތައް ވެވަޑައިގެންނެވިއިރު ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމުގެ މައްސަލައިގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށްވެސް ވަޢުދުވެވަޑައިގެންނެވިއެވެ.

އެހެން ނަމަވެސް ވެރިކަމަށް ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ރައީސް ޔާމީން ފެއްޓެވި މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމަށް ޤައުމުތަކަށް ދަތުރުކުރެއްވުން ނޫން އެއްވެސް ކަމެއް އެމަނިކުފާނެ ކުރެއްވިފައި ނެތް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ރައިސް ސޯލިހު އެމައްސަލަތައް ބެއްލެވުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި ނަމަވެސް މިހާތަނަސް އެ މައްސަލަތަކާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ރައީސް ސޯލިހު އެފަދަ މައްސަލަތައް ބައްލަވަން ސަރުކާރަށް ގޮވާލައްވާއިރު ސަރުކާރު ހިންގުމާ ހަވާލުވެ ހުންނެވީ ކޮން ބޭފުޅެއްކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވީ ކަމަށްވެސް ވެދާނެއެވެ. ނުވިސްނަނީބާ؟ ނުވަތަ އެކަން އެނގިވަޑައިގެން ހުންނެވި ނަަމަވެސް، އެމަނިކުފާނުގެ އެއްވެސް ބާރެއް ނެތީ ކަމަށްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަރުކާރު ހިންގުމުގައި ރައީސް ސޯލިހު ހުންނެވީ ނަމެއްގައި ކަމަށާއި ސަރުކާރު ހިންގަނީ ކުރިގެ ރައީސް މުހައްމަދު ނަޝީދު އަންގަވާ ގޮތަށް ކަމަށްވެސް ގިނަ ބަޔަކު ބުނަމުންދާއިރު، އެ ވާހަކަތަކަކީ ހަގީގަތެއްކަން މިހާރު މިވަނީ ޔަގީންވެފައެވެ. ވެރިކަަމާއި ހަވާލުވެވަޑައިގަންނަވާތާ 24 ގަޑިއިރުގެ ތެރޭގައި ރިލްވާންގެ މައްސަލައިގެ ހަގީގަތް ހާމަކުރައްވާނެ ކަމަށް ވިދާޅުވީވެސް ރައީސް ސޯލިހުއެވެ.

އެހެންނަމަވެސް އެ ވައުދު އަދިވެސް ނުފުއްދަވައެވެ. ވައުދުވުމުގެ ބާރާއި، ވައުދު ފުއްދުމުގެ ބާރު ސޯލިހުއަށް ލިބިވަޑައިނުގަންވަނީ ކަމަށްވެސް ވެދާނެއެވެ. ސަރުކާރުގެ ބާރުތައް އެކި މީހުންނަށް ލިބިފައިވަނީ އެކި ވަރަށް ކަމަށްވެސް ވުމަކީ އެކަށީގެންވާ ކަމަށެވެ.

ތުންތުންމަތިން އިވޭ ވާހަކަތަކަށް ބަލާއިރު، ރައީސް ސޯލިހު އަކީ ހަމައެކަނި ހިޔަންޏެކެވެ. ހަގީހީ ވެރިއަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު، ޖަލު ހުކުމެއް އިއްވުމުން ބިރުފުޅުން ފިލާވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...