ތުހުމަތު ވިއްކައިގެން ވެރިކަމަށްއައި އެމްޑީޕީ މިއަދު ތުހުމަތާއި ދެކޮޅު!

މީގެ 15 އަހަރު ކުރިން ދިވެހި ރައްޔިތުން ރިވެތި ސާދާ ދިރިއުޅުމެއްގައި އުޅެމުން ދަނިކޮށް، އުފެދިގެން ދިޔަ ސިޔާސީ ހަރަކާތެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެއް އަސާސަކީ މީހުންގެ ބޮލުގައި އެކި ކަހަލަ ދޮގު ތުހުމަތުތައް އެޅުވުމެވެ. ނަމަވެސް މިއަދު އެ ޕާޓީގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީގެ އިލްތިމާސް ކުރައްވަމުން ގެންދަވަނީ ކުށްތަކުގެ ތުހުމަތު އަޅުވައިގެން މީހުންގެ ވާހަކަ ނުދެއްކުމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމަށް އައީ މި ޤައުމަށް އެންމެ ފުރިހަމައަށް ޚިދުމަތްކޮށްދެވި އެއް ރައީސް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ އިސްތަށިފުޅުގައި ތަފާތު ކުށްތަކުގެ ތުހުމަތު އަޅުވާ އެމަނިކުފާނުގެ ނަން ކިލަނބުވާ ގޮތަށް އެކި ވާހަކަތައް ފަތުރައިގެންނެވެ. ނަމަވެސް މިއަދު އެ ޕާޓީގެ ރާގު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ތިމާއަށް ކަމެއް ދިމާވުމުން ނުވަތަ ތިމާގެ ޒާތީ ދިރިއުޅުމަށް ކަމެއްގެ ނޭދެވޭ އަސަރު ކުރުމުން ތިމާ އެކަމާ ދެކޮޅަށް ހަތިޔާރު މަތިކުރާ ފަދައިން މިއަދު މާރިޔާ ދީދީ އެދެނީ މީހުންގެ ނަން ކިލަނބުވާފަދަ ތުހުމަތު ނުކުުރުމަށެވެ.


ފެހި ޤާނޫނު އަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޒާތީ ދިރިއުޅުމުގެ ހައްޤަށް އުނިވާ ފަދަ އެތައް ކަމެއް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނައިރު ކުރެއެވެ. އެގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިސްތަށިފުޅުގައިވެސް ވަގު ތުހުމަތާއި އަދި އެހެނިހެން ތުހުމަތުތައް އަަޅުވާ އެމަނިކުފާނުގެ ނަން ކިލަނބުވާފަދަ އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާ ގްރޫޕްތަކުގައި ހިއްސާކޮށް ދައްކާފައިވަނީ މާރިޔާ ދީދީ ފަދަ ބޭފުޅުން އިސްކޮށް ހުންނަވައިގެންނެވެ.


ނަމަވެސް ހިތާމައަކީ ތިމާ އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިގެން ވެރިކަމާއި ހިސާބަށް އާދެވުމުން އެކަމާ ދެކޮޅަށް އަޑު އުުފުލާތީއެވެ. ދެއުޅިއެއް ނުވާ ވާހަކަ މާރިޔާ ދީދީ ފަދަ ބޭފުޅެއް ދައްކަވާތީއެވެ. މީހުންގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާ ސިޔާސީ ޕާޓީއެއް އުފައްދާ، ދެ ފަހަރެއްގެ މަތިން ވެރިކަމާއި ހިސާބަށް އެމްޑީޕީއަށް އާދެވުނީ ހަމަ އެ ދޮގު ތުހުމަތުތައް ރައްޔިތުންނަށް ވިއްކައިގެންނެވެ. އެމްޑީޕީގެ ގުއިރޯނުގައި ރާއްޖޭގައި އޮތް ބޮޑު ދީނީ ސިޔާސީ ޕާޓީއެއް ޖެއްސީވެސް ހަމަ ތުހުމަތު ވިއްކައިގެންނެވެ. މިފަދަ ބަޔަކު މިއަދު ތުހުމަތާއި ދެކޮޅުވީމާ އަންނަނީ ހިންޏެވެ.


ޤައުމެއް އާރާސްތު ކުރުމުގެ އެންމެ ބޮޑު އެއް އަސާސަކީ އެކަކު އަނެކަކަށް އިހްތިރާމް ކުރުމެވެ. ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމެވެ. ނަމަވެސް މިއަދު ދިވެހިރާއްޖޭގައި ވެރިކަން ކުރަމުންދާ ފަރާތްތަކަކީ އެ ފަރާތްތަކުގެ ބޭނުންތައް ހާސިލު ކުރުމަށްޓަކައި މީހުންގެ ހައްޤުތަކަށް އަރައިގަނެ، ކޮންފަދަ ވާހަކަތަކެއް ދައްކައިގެން ވިޔަސް އަނެކާގެ އަބުރާއި އިއްޒަތް ކަތިލުމުގެ ފަލްސަފާ ގެންގުޅުއްވާ ފަރާތްތަކަކެވެ. އަދި ތިމާ ނުރުހޭ މީހުންނަށް އެކި ކަހަލަ ތުހުމަތުތައް ކޮށް އެމީހާއަށް ދިރި ނޫޅެވޭ ވަރު ކުރާ މާރިޔާ އަހްމަދު ދީދީމެން ފަދަ ބޭފުޅުންނަށް މިކަން ވިސްނިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރަމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޔާގުންޑާ 23 އޭޕްރީލް 2019 - 18:47

    ހަޖަމު ކުރަން ދަސްކުރޭ ދެން މިފަހަރު ކެތް ކުރޭ

  2. ާައަހުމަދު 23 އޭޕްރީލް 2019 - 16:59

    ތީ ބަރާބަރު ވާހަކައެއް.

ގުޅުން ހުރި
Loading...